ޕްރޮސެކިއުޓަރ ޖެނެރަލް، ޕީޖީ ހުސައިން ޝަމީމަށް ޙަމަލާ ދިން ދެ މީހުން އުޅުނީ މަރުތޭލެއް ފަދަ އެއްޗަކުން އޭނާގެ ބޮލަށް ޙަމަލާ ދޭން ކަމަށް ފުލުހުން ކޯޓުގައި ވިދާޅުވެއްޖެއެވެ. ފުލުހުން އެ ގޮތަށް ވިދާޅުވެފައިވަނީ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ. ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ ޢަމުރު ކުރައްވާފައެވެ.
ޕީޖީ ޝަމީމަށް ޙަމަލާދީފައި ވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އޭނާ މަގުމަތިން ދަނިކޮށް ސައިކަލުން ދިޔަ ދެ މީހަކު ވެގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. އެ ދެ މީހުން އެ ކަން ކޮށްފައި ވަނީ ރޭވުންތެރިކަމާއެކު ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ތިބެ ކަމަށް ވެސްފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި އެ މައްސަލައިގައި ތުހުމަތުވާ ދެ މީހުން ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ރ.އަލިފުއްޓަށް ނިޞްބަތްވާ 23 އަހަރުގެ ފިރިހެނަކާއި ލ.ގަމަށް ނިޞްބަތްވާ 22 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ކޯޓުގައި ވިދާޅުވެފައިވާ ގޮތުގައި ޕީޖީއަށް ޙަމަލާ ދީފައި ވަނީ މަރުތޭލެއް ފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ. އެ ޙަމަލާ ޕީޖީގެ ބޮލަށް އަމާޒުކުރި ނަމަވެސް ޙަމަލާ އަރާފައިވަނީ އަތުގެ މުލައްދަނޑިއަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ ދެ މީހުން ވެސް ތަޙްޤީޤީ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރުމަށް ކޯޓުން ޢަމުރުކުރީ އެ ކަން ކުރި ކަމަށް ތުހުމަތުވާ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހަޅާފައިވާތީއެވެ. އަދި ދެ މީހުން ވެސް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ކޯޓުން ފާހަގަކުރައްވައެވެ.
ސީސީޓިވީ ފުޓޭޖުތަކުގެ ސްނެޕްޝޮޓުތައް ހުށަހަޅާފައިވާ ކަމަށާއި އެ މަންޒަރުތަކުން ދެ މީހުން ވެސް ހަމަލާދިނުމުގައި ބައިވެރިވާ ކަމަށް ކޯޓުގެ ޢަމުރުގައި ވަނީ ބަޔާންކުރައްވާފައެވެ. އެ މައްސަލައިގައި ހައްޔަރު ކުރި 22 އަހަރުގެ ފިރިހެން މީހާއަކީ ކުރިން ވެސް އެބާވަތުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ކޯޓުގެ ޢަމުރުގައި ވަނީ ބަޔާންކުރައްވާފައެވެ.
ޕީޖީ ޝަމީމަށް ދިން ޙަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކަށް އޭޑީކޭއިން ވަނީ ފަރުވާ ހޯދާފައެވެ. އޭނާގެ ސެކިއުރިޓީ ވެސް މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
މި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރު ކުރި ނަމަވެސް އެއީ އިތުރު ބަޔަކު ގުޅިގެން ދިން ހަމަލާއެއް ކަމަށް ފުލުހުން ޝައްކުކުރެއެވެ. އެހެންވެ، ޙަމަލާ ދިން ސަބަބާއި ހަމަލާގެ ފަހަތުގައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޕީޖީއަށް ދިން ޙަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދިން ޙަމަލާއެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފަކުރައްވާފައެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެން މައްސަލަ ސާބިތުކޮށް އެ މީހުންނަށް ދޭންވާ ޙައްޤު އަދަބު ދޭނެކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.