ތިމާވެށި

އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކުރުމާގުޅޭ ބައްދަލުވުން


އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މަގުފަހިކުރުމާބެހޭ ސަރަޙައްދީ ބައްދަލުވުމެއް ރާއްޖޭގައި މިއަދު ފަށައިފިއެވެ.

"ރިނިއުބަލް އެނަރޖީ އިންޓެގްރޭޝަން ވިތް މިނީ / މައިކްރޯގްރިޑް ސިސްޓަމްސް"، "އާރ.އީ.އެމް 2016" ގެ ނަމުގައި ބާއްވާ މި ބައްދަލުވުން ކުރިޔަށް ގެންދަނީ ޕްރެޑައިޒް އައިލެންޑް ރިސޯޓުގައެވެ. 3 ދުވަހުގެ މި ސިމްޕޯސިއަމް ފަށްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމެވެ. އާރ.އީ.އެމް 2016 ސިމްޕޯސިއަމް ޚާއްޞަކުރެވިފައި ވަނީ ހަކަތައިގެ ދާއިރާގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އަދި ގޮންޖެހުންތައް ޙައްލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި، އުފެއްދުންތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށެވެ.

"އާރ.އީ.އެމް 2016" ސިމްޕޯސިއަމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީން އިސްނަގައިގެން، އެޕްލައިޑް އެނަރޖީ ޖާރނަލް، އެޕްލައިޑް އެނަރޖީ އިނޮވޭޝަން އިންސްޓިޓިއުޓާއި، އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ބާއްވާ ސިމްޕޯސިއަމްއެކެވެ. އެގޮތުން މި ސިމްޕޯސިއަމްގައި ރާއްޖޭގެ އިތުރަށް 21 ޤައުމެއް ހިމެނޭހެން 140 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. ސަރަޙައްދީ ޤައުމުތަކުގެ މެދުގައި މިފަދަ ސިމްޕޯސިއަމްއެއް ބޭއްވުމުގެ މަޤުޞަދަކީ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރުމަށްޓަކައި ބޭނުންވާ ފަހުގެ ޓެކްނޮލޮޖީއާއި، އުފެއްދުންތަކުގެ މަޢުލޫމާތު ޙިއްޞާކުރުން ކަމަށް އޭ.ޑީ.ބީއިން ބުނެއެވެ. img:http://s2.psmnews.mv/images/660x400/14610567854327.jpg|އިއާދަ ކުރަނިވި ހަކަތައިގެ ބައްދަލުވުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މި ސިމްޕޯސިއަމް ފަށްޓަވައިދެއްވައި، އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭން ހޯދަމުންދާ ކުރިއެރުންތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ޤާއިމުކުރެވިފައި ވަނީ އިއާދަކުރަނިވި ހަކަތައިގެ 2 މެގަވޮޓް ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 2 ގުނައަށް އިތުރުކުރެވިފާއިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 10 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޤާއިމުކުރުމަށް ކޮންޓްރެކްޓުގައި ސޮއިކުރެވިގެންދާނެކަމަށެވެ.

މިނިސްޓަރ ޠާރިޤު ވިދާޅުވީ، 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭނުންކުރާ ކަރަންޓުގެ %30 އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މިހާރުވެސް ރާއްޖޭގެ 11 ރަށެއްގައި މި އަމާޒަށް ވާޞިލުވެފައިވާކަމަށެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީގެ ފަރާތުން ވާހަކަދައްކަވަމުން އެތަނުގެ ޓެކްނިކަލް އެޑްވައިޒަރ އަދި މި ސިމްޕޯސިއަމްގެ ކޯ-ޗެއަރ ޑރ. ޔޮންގޕިން ޒާއީ ވިދާޅުވީ، ރާއްޖެއަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުވާ، ތިމާވެށީގެ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ކާމިޔާބުތަކެއް ޙާޞިލުކުރަމުންދާ ނަމޫނާ ޤައުމެއްކަމަށެވެ. އަދި އޭ.ޑީ.ބީގެ ފަރާތުން އެންމެ ބޮޑު އެހީއެއް ފޯރުކޮށްދެމުންދާ ޤައުމަކީވެސް ދިވެހިރާއްޖެކަން ފާހަގަކުރައްވައި، އޭ.ޑީ.ބީގެ އެހީއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 100 މިލިއަން ޑޮލަރުގެ އަގުހުރި ޕްރޮޖެކްޓްތައް މިހާރުވެސް ހިންގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މި ސިމްޕޯސިއަމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ދާއިރާއަކަށް ބަހާލައިގެންނެވެ. އެގޮތުން ހަކަތައިގެ ދާއިރާ ތަރައްޤީކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމާއި، އިދާކުރަނިވި ހަކަތައް ބޭނުންކުރުމަށް ޢާއްމުންނަށް ބާރުއެޅުމާއި، އެފަދަ މަޝްރޫޢުތައް ހިންގުމަށް ފައިސާ ޚަރަދުކުރާނެ ގޮތްތަކުގެ އުޞޫލުތައް ކަނޑައެޅުމާމެދު ބައިވެރިންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެއެވެ. މި ސިމްޕޯސިއަމްގައި ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރައްވާ ރިސަރޗަރުންނާއި، އިންވެންޓަރުންނާއި، ޕްރޮޖެކްޓް ޑިވެލޮޕަރުންނާއި، ފައިނޭންޝިއަރުންގެ އިތުރުން ސަޕްލަޔަރުންނާއި ޕޮލިސީ މޭކަރުން ބައިވެރިވެއެވެ. މި ސިމްޕޯސިއަމް ނިންމާލުމުގެ ގޮތުން، ބައިވެރިން ކ. ދިއްފުއްޓަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.