ކުޅިވަރު

ފަހު ވަގުތު ވުލްވްސް ބަލިކޮށް ޔުނައިޓެޑް ކުރިއަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ވުލްވްސް ބަލިކޮށް ތާވަލުގެ ހަތްވަނައަށް މެންޗެސްޓާ ޔުނައިޓެޑް ކުރިއަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ދެ ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ރަސްމުސް ހޮއިލަންޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ލޫކް ޝޯ ތަނަވަސްކޮށްދިން ފުރުސަތަކުން ހޮއިލަންޑް ވަނީ ލަނޑެއް ޖަހައި، ޔުނައިޓެޑުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 71 ވަނަ މިނެޓުގައި ޕަބްލޯ ސަރާބިއާ ވަނީ ލަނޑެއް ޖަހައި، ވުލްވްސްއަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ބަދަލަކަށް ކުޅެން އެރި ސްކޮޓް މެކްޓޮމިނޭ ވަނީ ޔުނައިޓެޑަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ވުލްވްސްއިން އަނެއްކާވެސް ފަރަގު ކުޑަކުރީ މެޗުގެ 85 ވަނަ މިނެޓުގައި މެކްސް ކިލްމަން ކާމިޔާބުކުރި ލަނޑުންނެވެ، އަދި މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ވަނީ ވުލްވްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ކޮބީ މައިނޫ ވަނީ ލަނޑެއް ޖަހައި، މި މެޗުން ޔުނައިޓެޑް މޮޅުކޮށްދީފައެވެ. މިއީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު އެ ޓީމަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކަމިޔާބުކުރި ދެވަނަ ލަނޑެވެ.

މި މޮޅާއެކު ތާވަލުގެ ހަތްވަނައަށް ޔުނައިޓެޑް ޖެހިލީ ކުޅުނު 22 މެޗުން ލިބުނު 35 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވި ވުލްވްސް އޮތީ ތާވަލުގެ 11 ވަނައިގައި 22 މެޗުން ލިބުނު 29 ޕޮއިންޓާއެކުއެވެ.