ޚަބަރު

7 ސްކޫލަކުން ދިވެހި ބަހުގެ ދުވަސް ފާހަގަކުރުން


ދިވެހި ބަހަކީ ސަގާފަތާ އެހެން ކަންތައްތަކާ ވަރަށް ތަފާތު އެއްޗެއްކަމަށާއި، ބަސް ދިރުވާ އާލާކުރުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަން ޖެހޭނެކަމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެގެ 7 ސްކޫލަކުން އިންތިޒާމްކޮށްގެން ބޭއްވި ދިވެހިބަހުގެ ދުވަސް 2016 ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހި ބަހުގެ ދުަވސް ފާހަގަކުރުމަށްޓަކައި މާލޭގެ ހަތް ސްކޫލްކަމުގައިވާ މަޖީދިއްޔާ އަމީނިއްޔާ އަރަބިއްޔާ އިމާދުއްދީން އިސްކަންދަރު ހިރިރޔާ އަދި ކަލާފާނު ސްކޫލުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ މި ހަފްލާގައި ސްކޫލްތަކުން ވަނީ ތަފާތު ހަރަކާތްތަކެއް ދައްކާފައެވެ. އެގޮތުން ދުވަހާ ގުޅޭގޮތުން ދަރިވަރުން ވާހަކަދެއްކުމާއި، ސަގާފީ ބައެއް އައިޓަމްގެ އިތުރުން ދިވެހި ބަހަށް އައިސްފައިވާ ބަދަލުތައް ދަރިވަރުންވަނީ ހުށަހަޅާދީފައެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންނާ މުޙާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް ވިދާޅުވީ ދިވެހި ބަހަކީ ވަރަށް ބޮޑު މުއްސަދިކަމެއް ލިބިފައިވާ އަމިއްލަ ބަހެއްކަމަށާާއި، ދިވެހި ބަހަކީ އެޔާ ނުލައި ދިރިނުއުޅެވޭނެފަދަ އެއްޗެއްކަމަށެވެ. މިއަހަރުގެ ދިވެހިބަހުގެ ދުވަހަށް ދިވެހިބަހުގެ އެކެޑަމީން ކަނޑައެޅުއްވި ޝިޢާރަކީ "ޤައުމީ އެއްބައިވަންތަކަމަށް ޓަކައި- އެންމެންގެ ސަމާލުކަން ދިވެހިބަހަށް" މިޝިޢާރެވެ.