ޚަބަރު

ރާއްޖެއަށް މިވަގުތަށް ބޭނުންވާ ކަންކަމުގައި ޕާކިސްތާނުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފި


  • ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރާނެކަމަށް

  • މޫސުމީ ބަދަލުތަކުގެ ގެއްލުންތަކަށް އެހީވާނެކަމަށް

ދިވެހިރާއްޖެއަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އެ ޤައުމުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު އަންވާރުލް ޙައްޤު ކަކަރް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވައިފިއެވެ.

އެމަނިކުފާނު އެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވީ މިއަދު ހެނދުނު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައެވެ.

އެ މަޝްވަރާގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން، ރާއްޖޭން އެންމެ އިސްކަންދޭ ކަންކަމާއި ބައިނަލްއަޤުވާމީ މަޞްރަހުގައި ދެ ޤައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ޕާކިސްތާނުގެ ބޮޑުވަޒީރު ރައީސަށް ދެއްވިއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 26 ޖުލައި 1966ގައެވެ.