ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މި މަހުގެ އަށްވަނަ ދުވަހު އޮންލައިންކޮށް ބާއްވަން ނިންމައިފިއެވެ.
މި ކޮންގްރެސްއަކީ އެފްއޭއެމުގެ އަސާސީ ގަވާއިދުގެ ދަށުން ކޮންމެހެން ހަދަންޖެހޭ ބައެއް ކޮމިޓީތައް އެކުލަވާލާފައިނުވާތީވެ، ފީފާ އާއި އޭއެފްސީން އެކަން ކުރަން އެންގުމުން ބާއްވާ ކޮންގްރެސްއެކެވެ.
އެފްއޭއެމުން ނެރުނު އިއުލާނެއްގައި ބުނީ އެ އިދާރާގެ ހިންގާ ކޮމިޓީގެ 22 ވަނަ ބައްދަލުވުމުގައި، އަސާސީ ގަވާއިދުގެ 35.1 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ބާރުގެ ތެރެއިން އަދި ހަމަ އެ ގަވާއިދުގެ 29.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑުގައި ބަޔާންކޮށްފައިވާ ކޮމިޓީތައް އިންތިޚާބުކުރުމަށާއި، އައްޔަންކުރުމަށް ކޮންގްރެސްގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުން ބާއްވާނީ މި މަހުގެ 8 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ކަމަށްވެސް ވަނީ ބުނެފައެވެ.
އެކަމަކު އޮންލައިންކޮށް މި ބައްދަލުވުން ބާއްވަން ނިންމި ސަބަބެއް އެފްއޭއެމުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިއީ އޮންލައިންކޮށް އެފްއޭއެމުގެ ކޮންގެރެސްއެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ފީފާ އާއި އޭއެފްސީން އެންގުމުން އެފްއޭއެމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާއިރު، މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އެ އިދާރާގެ އިންތިޚާބުގެ ކަންކަން ހުއްޓާލަން ފީފާ އާއި އޭއެފްސީން މީގެ ކުރިން ވަނީ އަންގާފައެވެ. ފީފާ އާއި އޭއެފްސީން އެގޮތަށް އެންގީ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރައްވަން ހުށަހެޅި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް،އަޙްމަދު ޠާރިޤު (ޓޮމް) ގެ ކެންޑިޑެސީ ބާތިލުކުރަން، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ނިންމާފައިވަނިކޮށެވެ. އަދި އެ އިންތިޚާބުގެ ކަންކަން ހުއްޓާލަން އެންގީ އިލެކްޓޯރަލް ކޮމިޓީ އެކުލަވާލައިފައިވާ ގޮތް ސައްހަ ނޫން ކަމަށް ބަޔާންކޮށެވެ.
ފީފާ އާއި އޭއެފްސީން ވަނީ އެފްއޭއެމުގެ އިންތިޚާބާ ގުޅޭ މި ހުރިހާ ހަރަކާތެއް ގާތުން ބަލަމުންގެންދާނެ ކަމަށްވެސް އަންގާފައެވެ. ޠާރިޤުގެ އިތުރުން އެފްއޭއެމް އިންތިޚާބަށް ވާދަކުރައްވަން ކެންޑިޑެސީ ފޯމު ދެން ހުށަހަޅުއްވާފައިވަނީ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.