އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަލުން ދެވަނައަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ސިޓީން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން 16 ވަނަ މިނެޓުގައެވެ. މަތެއުސް ނޫނޭސް ނަގައިދިން ހުރަހަލުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒެވެ. އަދި އޭގެ ހަ މިނެޓު ފަހުން ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން އަލްވަރޭޒް ވަނީ އިތުރު ލަނޑެއް ޖަހައި، ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ސިޓީން ކާމިޔާބުކުޔރި ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ފިލް ފޯޑެންގެ އެހީއާއެކު ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ. މި މެޗުގައި ބާންލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އަމީން އަލް-ދާހިލެވެ.
މި މޮޅާއެކު ތާވަލުގެ ދެވަނައަށް ސިޓީ ޖެހިލީ ކުޅުނު 21 މެޗުން ލިބުނު 46 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް އާސެނަލަށްވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން ވަނީ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.
މީގެ އިތުރުން ލީގުގައި ރޭ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ބްރެންޓްފަޑް ބަލިކޮށް، ޓޮޓްނަމް ހޮޓްސްޕާ ވަނީ ހަތަރުވަނައަށް ޖެހިލާފައެވެ. އެގޮތުން ޓޮޓްނަމަށް ވަނީ ފަސްވަނައިގައި އޮތް އެސްޓަން ވިލާއާ އެއްވަރަށް 22 މެޗުން 43 ޕޮއިންޓް ލިބިފައެވެ.