އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފަހު ދެ ޖާގަ ޖަޕާނާއި އިރާނުން ހޯދައިފިއެވެ.
މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފަވާ ޖަޕާނުން ކުއާޓާގެ ޖާގައެއް ހޯދީ ދެވަނަ ބުރުގައި ބަހްރެއިން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމުގައި އިއްޔެ ކުޅުނު މެޗު ޖަޕާނުން ޑޮމނޭޓުކޮށްގެން ކުޅުނުއިރު، އެ ޓީމުން ވަނީ ބަހްރެއިންގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި ރިޓްސޫ ޑުއާން ކާމިޔާބުކުރި ލަނޑާއެކު ޖަޕާނުން ލީޑު ނެގިއިރު، އެ ޓީމުން ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޓެކެފޫސާ ކޫބޯ ކާމިޔާބުކުރި ލަނޑުންނެވެ.
މި މެޗުގެ 64 ވަނަ މިނެޓުގައި ބަހްރެއިނުން ފަރަގު ކުޑަކުރިއިރު، މިއީ ޖަޕާނުގެ އަޔަސޭ ޔުއެޑާ އާއި ގޯލްކީޕަރު ޒިއޯން ސުޒުކީ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް މެޗުގެ 72 ވަނަ މިނެޓުގައި އަޔާސޭ އުއޭޑާ ވަނީ ލަނޑެއް ޖަހައި، ޖަޕާނުގެ ލީޑު އަލުން ފުޅާކޮށްދީފައެވެ.
މީގެ އިތުރުން މި މުބާރާތުގެ ކުއާޓާގެ ޖާގައެއް އިރާނުން ހޯދީ ރޭ ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން، ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
އަބްދުލްﷲ ބިން ޚަލީފާ ސްޓޭޑިއަމުގައި ކުޅުނު ފޯރިގަދަ މެޗު އިރާނުން ޑޮމިނޭޓުކުރިއިރު، އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ސީރިއާގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން މެހްދީ ތަރޭމީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ، އޭނާ ވަނީ ކާމިޔާބުކޮށް އިރާނަށް ލީޑު ނަގައިދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސީރިއާއިން ނަތިޖާ އެއްވަރުކުރީވެސް ލިބުނު ޕެނެލްޓީއަކުންނެވެ. އިރާން ގޯލްކީޕާރު އަލީރެޒާ ބެއިރަންވާޑް ކުރި ފައުލަކާ ގުޅިގެން ދިން މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އޮމާރް ހިރްބީންއެވެ. މި ލަނޑަށްފަހު އިރާނުން ލަނޑެއް ޖެހުމާ ގާތަށް ދިޔަ ނަމަވެސް، އިރާނަށް މައްސަލަތަކެއް ދިމާވީ އެ ޓީމުގެ ތަރޭމީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު ވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ސީރިއާގެ ފަހުދު ޔޫސުފް ފޮނުވާލި ޕެނެލްޓީ އިރާނުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި އިރާނުން މެޗު ކާމިޔާބުކުރީ އެ ޓީމުން ފޮނުވާލި ހުރިހާ ޕެނެލްޓީއެއްވެސް ކާމިޔާބުކޮށްގެންނެވެ.
މި ނަތީޖާއާއެކު މި މުބާރާތުގެ ކުއާޓާ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު އިރާން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.