ޚަބަރު

ޢުމްރާގެ މަޢުލޫމާތު ފަތުރައިދޭން ޕީއެސްއެމްއިން ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕާއެކު ސޮއިކޮށްފި


  • މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2 ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުން

  • ޕީއެސްއެމްގެ ޕްރޮގްރާމްތަކުން ޢުމްރާއާއި ގުޅޭ އެންމެ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދޭނެ

ޢުމްރާގެ އަޅުކަމާއި ގުޅޭ އެންމެ ރަނގަޅު މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމްއާއި ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ. އަދި ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޔަމީން އިދްރީސެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ، ޕީއެސްއެމްގެ އަމާޒަކީ އެކި ގޮތްގޮތަށް ކުންފުންޏަށް ދައުލަތައް އަދި ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދިނުންކަމަށެވެ. ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕާއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ޢުމްރާގެ އަޅުކަމަށް އާންމުން ހޭލުންތެރިކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކުރާނެކަމަށް ޒީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ތަފާތު ކޮންޓެންޓްތައް ގެނެސްދިނުމަށް މިދަނީ މުޅި ޓީމުން މަސައްކަތްކުރަމުން. މިގޮތުން ޢުމްރާ ދަތުރުފަދަ މި މާތް އަޅުކަމުގެ އެންމެ ތާޒާ މައުލޫމާތު އެންމެ ރަނގަޅު މައުލޫމާތު ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް އަޅުގަނޑުމެންނަށް ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްއާއި ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން." ޒީނާ ވިދާޅުވިއެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ޔަމީން އިދްރީސް ވިދާޅުވީ، އެ ގްރޫޕަކީ މިވަގުތު ދިވެހިރާއްޖޭގައި ޢުމްރާ ދަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން ދިވެހި ރައްޔިތުން އެންމެ އިތުބާރުކުރާ އެންމެ ބޮޑު އެއް ކުންފުނިކަމަށެވެ.

ޕީއެސްއެމްއާއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ޢުމްރާގެ އަޅުކަމާއި ގުޅޭ އެންމެ ރަނގަޅު މައުލޫމާތު ޕީއެސްއެމް މެދުވެރިކޮށް ގެނެސްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ޕީއެސްއެމްއާއެކު މި ކުރެވުނު އެގްރިމަންޓަކީ އަޅުގަނޑުމެންގެ ކުންފުނި އިތުރަށް ޕްރޮމޯޓްކުރުމުގެ އިތުރުން ހާއްސަކޮށް ޢުމްރާގެ އަޅުކަމާއި ގުޅޭ ޕްރޮގްރާމްތައް ޕީއެސްއެމް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ލިބޭނެގޮތައް ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ޚާއްސަކޮށް މާލޭގައި ތިބޭ ނުވަތަ ރާއްޖޭގައި މިތިބޭ އާއިލާގެ ފަރާތްތަކަށް ޢުމްރާގެ އަޅުކަން މިދާގޮތް އެބޭފުޅުންނަށް ރާއްޖޭގައި ތިބެގެން ބެލޭނެކަހަލަ ގޮތެއް ޕީއެސްއެމްގެ ޕްރޮގްރާމްތަކެއްގެ ތެރެއިން ލިބޭނެ މަގު ފަހިކުރުން." ޔަމީން އިދްރީސް ވިދާޅުވިއެވެ.

ކުރިއާއި އަޅާބަލާއިރު ޢުމްރާގެ އަޅުކަން އަދާކުރާ ދިވެހިންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. އަދި ޒުވާނުންނާއި ކުޑަކުދިން ޢުމްރާގެ އަޅުކަން އަދާކުރާ މިންވަރު މިފަހަކަށް އައިސް އިތުރުކަން ފާހަގަކޮށްލެވެއެވެ.