ޚަބަރު

ޙަމަލާއާގުޅޭ މައުލޫމާތު ލިބިވަޑައިގެންފައިވާނަމަ ހިއްސާކުރެއްވުމަށް ރައީސް ޞާލިޙުގެ އަރިހުން އެދިވަޑައިގެންފި


  • މިއީ ސިޔާސީ ގޮތުން ދިން ހަމަލާއެއް ކަމަށް ރައީސް ޞާލިހު ވިދާޅުވި

  • ޚާއްސަ އިސްކަމެއް ދީގެން މައްސަލަ ދަނީ ބަލަމުން

  • ޝަމީމަށް ހަމަލާ ދިނުމުގެ މައްސަލަ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ހިއްސާ ކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އަރިހުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެދިވަޑައިގެންފިއެވެ.

ވަޒީރު މިފަދައިން އެދިވަޑައިގަތީ ރައީސް ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ޝަމީމަށް ދިން ހަމަލާއަކީ ސިޔާސީ ގޮތުން ދިން ހަމަލާއެއްކަމަށް ވިދާޅުވެފައެވެ.

ޝަމީމަށް ދިން ހަމަލާ ކުށްވެރިކުރައްވައި ރައީސް ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސިޔާސީ ގޮތުން ހިންގާ އެފަދަ އަމަލުތަކަށް ޑިމޮކްރެޓިކް ވެއްޓެއްގައި ޖާގައެއް ނެތް ކަމަށެވެ. އަދި އެ މައްސަލަ ބަލައި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމަނިކުފާނު ވަނީ ދައުލަތުގެ އިދާރާތަކަށް ގޮވާލައްވާފައެވެ.

އެ ޕޯސްޓާ ގުޅިގެން އިހުސާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުންދާ ކަމަށެވެ. އަދި އެ ޙަމަލާއަކީ ސިޔާސީގޮތުން ދިން ހަމަލާއެއް ކަމަށް ރައީސް ޞާލިހު ވިދާޅުވުމުން އޭގެ އިތުރު މައުލޫމާތު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ބެލެވ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.


މީގެ އިތުރުން މި މައްސަލަ ތަޙްޤީޤު ކުރާ ފުލުހުން، ކުރީގެ ރައީސްގެ އޮފީހާ ގުޅިގެން އެ މައްސަލަ ތަޙްޤީޤު ކުރުމަށް އަންގަވާފައިވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޝަމީމަށް ހަމަލާ ދިން މައްސަލަ ޚާއްސަ އިސްކަމެއް ދީގެން ބަލައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރަމުން އަންނަކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލަމާތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށްވެސް މިހާރު ވަނީ ހުށަހަޅައިފައެވެ.