ކުޅިވަރު

މޮރޮކޯ ކަޓުވާލައި ދެކުނު އެފްރިކާ ކުއާޓާއަށް


އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުގައި މޮރޮކޯ ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލުގެ ޖާގައެއް ދެކުނު އެފްރިކާއިން ހޯދައިފިއެވެ.

މޮރޮކޯއަކީ މި ފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ޓީމެކެވެ. އެކަމަކު ރޭ ކުޅުނު މެޗުން މޮރޮކޯ ވަނީ 2-0 ގެ ނަތީޖާއަކުން ދެކުނު އެފްރިކާ އަތުން ބަލިވެ، މުބާރާތާ އަލްވަދާއު ކިޔާފައެވެ.

އައިވަރީ ކޯސްޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ދެކުނު އެފްރިކާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެވިޑެންސް މަކްގޮޕާއެވެ. މި ލަނޑު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) މެދުވެރިކޮށް ވަރަށް ގިނަ ވަގުތު ބެލުމަށްފަހުއެވެ.

މި މެޗު ނިމެން ގާތްވެފައި ވަނިކޮށް މޮރޮކޯއަށް ނަތީޖާ އެއްވަރުކުރަން ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު އެ ޓީމުގެ އަޝްރަފް ހަކީމީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މިއީ އޭރިއާ ތެރެއިން ދެކުނު އެފްރިކާގެ މޮތޯބީ އެމްވާލާގެ އަތުގައި ޖެހުމުން ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މި މެޗުގައި މޮރޮކޯއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ ސޯފްޔަން އަމްރަބަތަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު އޭގެ މިނެޓެއް ފަހުން ދެކުނު އެފްރިކާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޓެބޯހޯ މޮކޮއޭނާއެވެ.

މި މޮޅާއެކު މުބާރާތުގެ ކުއާޓާއަށް ދެކުނު އެފްރިކާ ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ކޭޕް ވާޑްއާ ދެކޮޅަށެވެ. މި މުބާރާތުގެ ދެވަނަ ބުރުގައި ރޭ ބުރްކީނާ ފާސޯ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެ، މާލީވެސް ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައެވެ. ކުއާޓާ ފައިނަލުގައި އެ ޓީމު ކުޅެން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އައިވަރީ ކޯސްޓާއެވެ.