ޚަބަރު

ޓެކްނޮލޮޖީގެ ދާއިރާއިން 500 އަށްވުރެ ގިނަ ޒުވާނުން ތަމްރީންކުރާނަން: ވަޒީރު


  • އެކަތަން"ގެ ނަމުގައި ޒުވާނުންނާ އަންހެނުން ބާރުވެރި ކުރުމަށް ހާއްސަ މަސައްކަތްތަކެއް

  • ދިވެހި ޒުވާނުންގެ ހުނަރުއެބަހުރި ޒުވާނުންނަށް އިންވެސްޓްކޮށްގެން ވިޔަފާރީގެ ދާއިރާއަށް ނެރެވޭނެ

  • މި ފަސްއަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ ދާއިރާއިން މަދުވެގެން 500 ޒުވާނުން ތަމްރީން ކުރާނެ

ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާތަކުން 500 ވުރެ ގިނަ ޒުވާނުން ތަމްރީ ކުރައްވާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޤައުމީ ހަރަކާތެއް ފެށުމަށާ، ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށްދިއުމަށް ބޭނުންވާ ހުނަރު ތަރައްޤީކޮށްދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ހާއްސަ ޕްލޭން ހެދުން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 35 އިންސައްތަ ހިއްސާކުރަނީ ޒުވާނުންކަމަށާ، ޒުވާނުން އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ އެކިއެކި ފުރުސަތުތައް މިސަރުކާރުން ފަހިކޮށްދެއްވާނެކަމަށެވެ. އަދި ޒުވާނުންނާ ނުލައި ރާއްޖޭގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވަމުން އިބްރާޙިމް ވަޙީދު ވިދާޅުވީ، އެކި އެކި ދާއިރާތަކުން ޒުވާނުން ތަމްރީންކޮށް ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤުއާމީ މައިދާނުގައި ޒުވާނުން ބާރުވެރި ކުރުވުމަށް މަސައްކަތަކެއް ކުރަންޖެހޭކަމަށެވެ.

ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވީ މިއަދުގެ ޒުވާނުންނަނީ ވަރަށް ބޮޑަށް ޓެކްނޮލޮޖީއަށް އަހުލުވެރިބައެއްކަމަށާ، ޓެކްނޮލޮޖީގެ ދާއިރާއިން އޮންލައިންކޮށް ކުރެވެން ހުރި ވިޔަފާރިތައް ބަލައި އެދާއިރާތަކުން ޒުވާނުން ކުރިއަށްގެންދިިއުމަށް ފަށާ މި މަސައްކަތާއެކު ޒުވާނުން ކުރަމުން އަންނަ އުންމީދުތަކަށް އަލިކަމެއް ލިބިގެންދާނެކަމަށެވެ.

ފަސްއަހަރު ދުވަހުގެތެރޭގައި ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާތަކުން 500 ވުރެ ގިނަ ޒުވާނުން ތަމްރީ ކުރައްވާނެކަމަށާ، އެކަން ކުރައްވާނީ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޓެކްނިކަލް ދާއިރާތަކުން ތައުލީމާއި ތަމްރީނު ޒުވާނުންނަށް ދީގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތަފާތު އިދާރާތަކުން ޒުވާނުން ބިނާކުރުމަކީ ގައުމުގެ ތަރައްޤީއަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް، އަދި އުފެއްދުންތެރި ހުނަރުވެރި ޤާބިލް ފުދުންތެރި ޒުވާނުންތަކެއް ބިނާކުރެވިގެން ދިއުމަކީ މުޅިގައުމަށް ލިބޭނެ އަގުހުރި ހަޒާނާއެއް. އެހެންކަމުން ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ ވަޒީފާ ހޯދައި ވަޒީފާ ލިބޭނެ ފަރާތްތަކަށް ހަދަންޖެހޭ" ޒުވާނުންނާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހިނގަމުންދާ މިފަސް އަހަރު ވެގެންދާނީ ޒުވާނުންގެ ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރު މިދިޔަ އެއްވެސް ސަރުކާރަކުން ނުކުރާވަރަށް ކުރިއަރުވާނެ ފަސް އަހަރަށްކަމަށެވެ.

"ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ބާރުވެރި ކުރުމަށް މަސައްކަތަކެއް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަމެއް، މީ ފަންނީ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް. އަދި އަންހެނުންނަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް އޮތް ފުރުސަތުތައް ފަހިކޮށްދެވޭނެ. އަދި ފަންނިއްޔާތުގެ ދާއިރާއިން ފްރީލައިންސްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާންނަން" ވަޒީރު ވިދާޅުވިއެވެ.

ޒުވާނުންނާ އަންހެނުން ބާރުވެރިކޮށް ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ކުރެއްވުމަށް ފެއްޓެވި "އެކަތަން" މި ހަރަކާތް އިފްތިތާޙްކޮށްދެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލްއެވެ.