ޚަބަރު

އިންތިޚާބު ފަސްކުރަން ޖެހުނަސް އީސީ އޮތީ ތައްޔާރަށް: ޙަބީބު


  • އިންތިޚާބު ފަސްކުރަން ޤާނޫނަށް ވަނީ އިސްލާހެއް ހުށަހަޅުއްވާފައި

  • މަޖިލިސް އިންތިޚާބު ބާއްވަން ނިންމަވާފައިވަނީ 17 މާޗުގައި

  • ވޯޓުލާ މީހުންގެ ނިސްބަތްވެސް އިތުރުވެގެންދާނެ

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ފަސް ކުރަން ޖެހުނު ނަމަވެސް އިލެކްޝަންސް ކޮމިޝަން އޮންނާނީ ތައްޔާރަށް ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ޙަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިހެން ވިދާޅުވީ އަންނަ މާޗު މަހު ބާއްވަން ނިންމާފައިވާ މަޖިލިސް އިންތިޚާބާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. އޭނާ ވިދާޅުވީ އިންތިޚާބުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނީ ޤާނޫނުގައި އޮންނަ ގޮތަށް ކަމަށެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މާޗު މަހުގެ 17 ވަނަ ދުވަހެވެ. އެ ދުވަސް ރަމަޟާން މަހުގެ ދުވަހަކާ ދިމާވާތީ އިންތިޚާބު ފަސް ކުރުމަށް، އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް މިހާރު ވަނީ އިސްލާޙެއް ހުށަހަޅުއްވައިފައެވެ.

އާދީއްތަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި އެ އިސްލާހު ހުށަހަޅުއްވާފައިވާއިރު އެ އިސްލާހުގައި ވަނީ އެއްވެސް އިންތިޚާބެއް ރަމަޟާން މަހުގެ ދުވަހެއްގައި ނުބޭއްވޭނެކަމަށް ބަޔާންކުރައްވާފައެވެ. އަދި އެއްވެސް އިންތިޚާބެއް ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަން ޖެހޭނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ވެސް ވަނީ ބަޔާން ކުރައްވާފައެވެ.

މި އިސްލާހާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރަމަޟާން މަހަށްފަހު އިންތިޚާބު ބާއްވާނަމަ އީސީއަށް ޚަރަދުގެ ގޮތުން ދަތިތަކެއް އަންނާނެ ކަމަށާއި އެކަން މަޖިލީހުން ހައްލުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ވޯޓުލުން ފިޔަވައި އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ ކަންކަން ރޯދައިގެ ކުރިން ނިންމާނެކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރަން ޖެހިއްޖަނަމަ އޮފިޝަލުންނަށް ރިފްރެޝަރ ޓްރޭނިންތައް ދޭން ޖެހިދާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު ގެނެސްފިނަމަ ވޯޓުލުގެ ޙައްގު ލިބޭ މީހުންގެ ޢަދަދަށް ވެސް ބަދަލު އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރޯދައިގެ ފަހަށްވިއްޔާ އެކަމުގައި ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތައް ވާނެ. ރޯދަ މަހުގެ ވޯޓުލުމަށްޓަކައި އުފުލަން ޖެހޭ ތަކުލީފެއް ނުއުފުލާ ވޯޓުލާ މީހުންގެ ނިސްބަތްވެސް އިތުރުވެގެންދާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ. އެހެންވީމަ ކޮންމެ ގޮތަކަށް ޤާނޫނު ފާސްވެގެން އަޔަސް އެ ޤާނޫނުގައި ބުނާ ގޮތަކަށް އަމަލުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަން ތައްޔާރަށް އޮންނާނީ،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ވޯޓުލާ މީހުންގެ އަދަދަށް އަންނަ ބަދަލާއެކު ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު އަލުން ހުޅުވާލާނެކަމަށެވެ.

މީގެ އިތުރުން އިލެކްޝަން ކޮމިޝަނުގެ މުވައްޒަފުންނަކީ އިންތިޚާބުތަކުގެ މަސައްކަތްތައް ކުރުމަށް ވަރަށް ޤާބިލް ބައެއްގެ ގޮތުގައި ޙަބީބު ސިފަކުރެއްވިއެވެ. އަދި އިންތިޚާބު ލަސްވިނަމަވެސް މުވައްޒަފުންނަށް ދަތިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުން ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ލާޒިމްވާނަމަ އެކަން އެގޮތަށް ކުރައްވާނެ ކަމުގެ ޔަގީންކަން އިލެކްޗަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވިއެވެ.