ޚަބަރު

ހޮނިހިރު ދުވަހު ޢާންމުކޮށް ކިޔަވައިދޭން އަންގާފައެއް ނުވާނެ: ތަޢުލީމީ ވުޒާރާ


  • ކިޔަވައިދޭން ޖެހޭނީ ދިރާސީ ކަލަންޑަަރުގައި ކަނޑައަޅާފައިވާ ދުވަސްތަކުގައި

  • އެކި ސަބަބުތަކާހުރެ ގެއްލޭ ފިލާވަޅުތައް ނަގައިދިނުމަކަށް ހުރަހެއްނެތް

ހޮނިހިރު ދުވަހުގައި ދަރިވަރުންނަށް ޢާންމުކޮށް ކިޔަވައިދޭން އަންގާފައިނުވާނެކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން މިކަން ހާމަކުރައްވާފައިވަނީ މަންހަޖު ކަވަރުކުރުމަށްޓަކައި ހޮނިހިރު ދުވަހުގައި ކިޔަވައިދޭކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާތީއެވެ.

މިކަމާގުޅިގެން ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަންހަޖު ނުވަތަ ސިލަބަސް ކަވަރުކުރުމަށްޓަކައި ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ދިރާސީ އަހަރުގެ ކަލަންޑަރުގައި ކިޔަވައިދިނުމަށް އެކަށައަޅާފައިވާ ދުވަސްތަކުގައިކަމަށެވެ. އަދި އެނޫން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ތަރުތީބު ކުރުމަކީ މަނާކަމެއްކަމަށެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހޮނިހިރު ދުވަހުގައި ޢާންމުކޮށް ކިޔަވައިދޭން އެ ވުޒާރާއިން އަންގާފައިނުވާނެކަމަށެވެ. އަދި އެގޮތަށް ހުއްދަ ދީފަވެސް ނުވާނެކަމަށެވެ.

އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ ގެއްލޭ ފިލާވަޅުތަކާއި، ރިމީޑިއަލް ކްލާސްތަކާއި، އެންރިޗްމެންޓް ކުލާސްތައް އަބަދުވެސް ސްކޫލްތަކުން ހަފްތާ ބަންދުގައި ކުރިއަށްގެންދާކަން ވުޒާފާއިން ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ނަގައިދޭ ކްލާސްތައް ކުރިއަށްގެންދިއުމުގައި އެއްވެސް ހުރަހެއްނެތްކަމަށްވެސް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.