ޚަބަރު

ރާއްޖޭގެ 11 ސްކޫލެއްގައި ޤައުމިއްޔަތު މާއްދާ ކިޔަވައިދެއްވަން ފަށްޓަވައިއިފި


  • މިއީ ދަރިވަރުންގެ ހިތުގައި ޤައުމީ ލޯބި އާލާކުރުމަށް ފެށި މަސައްކަތެއް

  • ފުރަތަމަ ފެށީ މާލޭގެ 4 ސްކޫލާއި އަތޮޅުތަކުގެ 7 ސްކޫލްގައި

  • ޕައިލްޓް ކުރަނީ ގްރޭޑް 4ގައި

ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައި ކިޔަވައިދިނުން ތަޖުރިބާ ކުރުމަށް ފަށާ ޕައިލެޓް ޕްރޮޖެކްޓްގެ މަސައްކަތް ސްކޫލްތަކުގައި ފަށައިފިއެވެ. މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް މި ޕްރޮޖެކްޓް ފުރަތަމަ ފަށާފައި ވަނީ 11 ސްކޫލްގައެވެ.


ޤައުމިއްޔަތު މާއްދާއަކީ ކުޑަކުދިންގެ ހިތްތަކުގައި ޤައުމާއި ދިވެހި ސަޤާފަތަށް ލޯބި ޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ތަޢުލީމީ ދާއިރާގެ މުހިންމު ވަޢުދެކެވެ. ޕައިލެޓްކުރުމުގެ ޕްރޮގްރާމް ފުރަތަމަ ފަށާފައި މިވަނީ ރާއްޖޭގެ 11 ސްކޫލެއްގެ ގްރޭޑް 4ގެ ދަރިވަރުންނަށް ޚާއްސަކޮށްގެންނެވެ.

މި ޕްރޮގްރާމް މާލޭގެ 4 ސްކޫލަކާ އަތޮޅުތަކުގެ 7 ސްކޫލްގައި ވަނީ ފަށާފައެވެ.

ޤައުމިއްޔަތު މާއްދާ މިވަގުތު ފެށި ސްކޫލްތައް

1. ޞަލާޙުއްދީން ސްކޫލް – ހުޅުމާލެ
2. ކަލާފާނު ސްކޫލް – މާލެ
3. ތާޖުއްދީން ސްކޫލް – މާލެ
4. މުހިއްޔިއްދީން ސްކޫލް – ވިލިމާލެ
5. ބ.އަތޮޅު ތަޢުލީމީ މަރުކަޒު – ބ.އޭދަފުށި
6. ޅ.އަތޮޅު ތަޢުލީމީ މަރުކަޒު – ޅ.ހިންނަވަރު
7. ވ.އަތޮޅު ތަޢުލީމީ މަރުކަޒު – ވ.ފެލިދޫ
8. މަގޫދޫ ސްކޫލް – ފ.މަގޫދޫ
9. އަބޫބަކުރު ސްކޫލް – ގދ.ތިނަދޫ
10. ހިތަދޫ ސްކޫލް – ހިތަދޫ، އައްޑޫ ސިޓީ
11. މުޙައްމަދު ޖަމާލުއްދީން ސްކޫލް – ފުވައްމުލައް ސިޓީ

މި ސްކޫލްތަކުގައި ޤައުމިއްޔަތު މާއްދާ ކިޔަވައިދިނުމަށް، މުދައްރިސުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ތައުލީމީ ވުޒާރާއާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ސްކޫލްތަކަށްވެސް މިކަމާއި ގުޅޭ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. މި ސެޝަންތަކުގައި ސްކޫލަކުން ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ފޯކަލް ޕޮއިންޓްތަކުން ބައިވެރިވިއެވެ. މި ސެޝަންތަކުގައި ޤައުމިއްޔަތު މާއްދާގެ ތަޢާރަފްއާއި މަންހަޖުގައި މާއްދާ އެކުލަވާލެވިފައިވާ ގޮތާއި ކިޔަވައިދޭނެ ގޮތުގެ މައުލޫމާތު ވަނީ ދީފައެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ވަކި މާއްދާއެއްގެ ގޮތުގައި ޤައުމިއްޔަތު ކިޔަވައިދިނުމުގެ ބޭނުމަކީ ޤައުމީ ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުންކަމަށެވެ. ޤައުމިއްޔަތާއި ބެހޭ ވަކި މާއްދާއެއް ސްކޫލް ތަޢުލީމު މަންހަޖުގެ ތެރެއަށް ތަޢާރަފްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްކަން ދެއްވާ މަސައްކަތަކަށްވާތީ، މި މަސައްކަތް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

މި މަސައްކަތުގެ ބޭނުމަކީ ޤައުމީ ޝުޢޫރު ދަރިންގެ ހިތްތަކުގައި އާލާކޮށް، ދިވެހިވަންތަކަންހުރި ދިވެޤައުމުދެކެ ލޯބިވާ އަދި ޤައުމާމެދު ވިސްނައި ފަޚުރުވެރިވާ ދަރިވަރަކު އުފެއްދުމެވެ.

މަންހަޖުގައި ޤައުމިއްޔަތު މާއްދާ އެކި ކީސްޓޭޖަށް ބަހާލެވިފައި ވީނަމަވެސް ހުރިހާ މާއްދާތަކުގައި އަދި ގްރޭޑް ތަކުގައި ޤައުމިއްޔަތުގެ ބަހާތައް ހިމަނާފައިވާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ހުރިހާ ގްރޭޑް ތަކެއްގައިވެސް ޤައުމިއްޔަތު ކިޔަވައިދެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޤައުމިއްޔަތު މާއްދާ ރަސްމީކޮށް މަންޙަޖުގެ ތެރެއިން ކިޔަވައިދޭން ފެށުމަށް ސަރުކާރުން ރާވަމުންދަނީ އަންނަ ދިރާސީ އަހަރާއެކުއެވެ.