މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ނިމުމުން މަސްވެރިކަމަށް ލައިސަންސް ދޫކުރުމުގެ ޤަވާޢިދަށް ބަދަލު ގެންނަވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ޢަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުންނެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭވަޒީރު، އަޙުމަދު ޝިޔާމް ވިދާޅުވީ، ލައިސަންސް ދޫކުރުމުގެ ޤަވާއިދަށް އިސްލާޙު ގެންނާނީ ރާއްޖޭގައި މަސްވެރިކަމަށް ރަޖިސްޓްރީކޮށް ދުއްވާ ހުރިހާ ދޯންޏަކަށް މީހުން ތަމްރީންކޮށް ނިމުމުން ކަމަށެވެ. ޝިޔާމް ވިދާޅުވީ މުޅި ރާއްޖޭގައި މިޕްރޮގްރާމްގެ ހިންގާ ނިންމާލެވޭނީ 2 އަހަރު ނުވަތަ ތިން އަހަރުގެ ތެރޭގައި ކަމަށެވެ.
"މިކަމަކީ ވަރަށް މުހިންމު ކަމެއް މި ތަމްރީންތައް މުޅިރާއްޖޭގައި ކުރިއަށްގެންގޮސް ނިމުމުން މަސްވެރިކަމަށް ލައިސަންސް ދޫކުރުގެ ޤަވާއިދަށް ބަދަލުތަކެއް އަންނާނެ، އަދި އެހިސާބުން ދޮށީގެ މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ނެތްނަމަ ލައިސަންސް ދޫނުކުރާނެ" ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ތަމްރީން ލިބިފައި ތިބި މީހުން ތިއްބުމަށް ސަރުކާރުން ހިންގާ މި މަސައްކަތުގެ ދަށުން މަސްވެރިކަން ކުރާ ކޮންމެ ދޯންޏަކުން އެކަކު ތަމްރީންކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދޯނީގެ ޑައިވް ކުރުމާ ކުއްލި ފަރުވާދިނުމުގެ އެންމެހާ ކަމެއް ބެލުމުގެ ޒިންމާވެސް މަތިކުރާނީ ތަމްރީން ހަދާ ޑައިވަރަށެވެ.
މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅައިގެން ފީނާ ފަރާތްތަކުން އަޑިއަށް ފީނުމުގެ ތެރޭގައި ދިމާވާ އެކިއެކި ކަންކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމެވެ. މިތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރާނެއެވެ.
މަސްވެރިކަން ކުރާ އުޅަނދުތަކުގައި އެން ހިފުމަށް ވައި ފުޅިއަޅައިގެން މިހާރު ފީނަނީ އެކަމުގެ އެއްވެސް ތަމްރީނެއް ނެތް ފަރާތްތަކެވެ. މިތަމްރީން ޕްރޮގްރާމަކީ މަސްވެރިކަމުގެ ސިނާއަތައް އަންނާނެ މުހިންމު ބަދަލެއްގޮތައް މިފަރާތްތަކުން ސިފަކުރެއެވެ.