ޚަބަރު

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓު ކަށަވަރުކުރި ކެންޑިޑޭޓުންނަށް ނައިބު ރައީސްގެ މަރުޙަބާ


  • ޓިކެޓް ކަށަވަރު ކުރި ފަރާތްތަކަށް ކާމިޔާބިއަށް އެދިވަޑައިގެންނެވި

  • 73 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވި

  • 283 މީހަކު ޕްރައިމަރީގައި ވާދަކުރި

އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި އެ ޕާޓީގެ ޓިކެޓް ކަށަވަރުކުރި ފަރާތްތަކަށް ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕްރައިމަރީ ކާމިޔާބު ކުރި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ، ޕްރައިމަރީގައި ވާދަކުރި އެހެނިހެން ކެންޑިޑޭޓުންގެ ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި ޓިކެޓް ކަށަވަރު ކުރި ކެންޑިޑޭޓުންނަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކާމިޔާބީއަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި 73 ދާއިރާއަށް 283 ކެންޑިޑޭޓުން ވާދަކުރިއެވެ. މި ޕްރައިމަރީގައި 71،597 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބުނުއިރު މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ޕްރައިމަރީ ކަމަށް ކޮންގްރެސް ޕާޓީން ބުނެފައިވެއެވެ.

ޕްރައިމަރީގެ ކުރިން ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓް 13 ފަރާތަކަށް ވަނީ ކަށަވަރުވެފައެވެ. އެ ފަރާތްތަކަށް ޓިކެޓް ކަށަވަރުވީ އެ ދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ވާދަކުރުމަށް ފޯމު ހުށައެޅުމުންނެވެ.

20 ވަނަ މަޖިލިސް އިންތިޚާބުގައި ތިން ދާއިރާއަކަށް ވާދަނުކުރުމަށް ވެސް ޕީޕީއެމް/ޕީއެންސީން ވަނީ ނިންމާފައެވެ. އެއީ ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އާއި އެމްޑީއޭގެ ލީޑަރުން ވާދަކުރައްވާ ތިން ދާއިރާއެވެ. އެ ތިން ދާއިރާއަށް ވާދަނުކުރަނީ ސަރުކާރާއެކު މަސައްކަތް ކުރާ ތިން ޕާޓީގެ ލީޑަރުންނަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.