ޚަބަރު

ތަޙުޤީޤު ހިނގާގޮތާމެދު ޝަކުވާއެއްއޮތްނަމަ އޮންލައިންކޮށް ހުށައެޅޭނެ ގޮތް ހަދައިފި


  • މައްސަލައިގެ ޝާކުވާ ލިބެނީ ސީދާ މައްސަލަ ބަލާ ޕްރޮސެކިއުޓަރަށް

  • ޖަވާބު އަރުވާނެ މުއްދަތު ވަގުތުން ބުނެދޭނެ

  • ޕީޖީގެ ހުރިހާ ޚިދުމަތްތައް މިހާރު އޮންލައިންކޮށް ލިބޭނެ

ޖިނާއީ މައްސަލައެއްގެ ތަޙުޤީޤު ހިނގާގޮތާމެދު މީހެއްގެ ޝަކުވާއެއް އޮތްނަމަ، އޮންލައިންކޮށް އެ ޝަކުވާ ހުށަހެޅޭ ޚިދުމަތާއެކު މިހާރު ޕީޖީގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، އަމާޒަކީ ޕީޖީ އޮފީހުގެ ޚިދުމަތަކީ ރައްޔިތުންނަށް ފަސޭހަވާނެ "ލަގްޒަރީ ޕަބްލިކް ސަރވިސް"އަކަށް ހެދުންކަމަށެވެ.

މީހަކު، ޖިނާއީ މައްސަލައެއް ތަޙުޤީޤީ އިދާރާއަކަށް ހުށަހެޅުމުން، ތަޙުޤީޤީ އިދާރާއިން އެމައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ބަލައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ޝަކުވާ ހުށަހެޅޭގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮވެއެވެ.

ޕްރޮސެކިއުޓަރ ނެޖެރަލް މުޙައްމަދު ޝަމީން ވިދާޅުވީ، މި ޚިދުމަތަކީ ޝަރުޢީ ނިޒާމުގެ މަސައްކަތްތައް ވީހާވެސް ދެފުށްފެންނަގޮތަށް ފަސޭހައިން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ތަޢާރަފުކުރި ޚިދުމަތެއްކަމަށެވެ. މީގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭން ތިބޭ މުވައްޒަފުންނަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ.

ޕީޖީ ވިދާޅުވީ، ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު އޮންނަ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލަކީ ތަޙުޤީޤީ އިދާރާތައް މަސައްކަތްކުރާގޮތް ބަލައި، ފާރަވެރިވުމުގެ ޒިންމާ އޮތް މީހާކަމަށެވެ. އަލަށް ތަޢާރަފުކުރި ޚިދުމަތަކީ، ތަޙުޤީޤީ އިދާރާއިން ކަންތައްކުރި ގޮތާމެދު ހުށަހަޅާ ޝަކުވާ އޮންލައިންކޮށް ފޮނުވޭ ނިޒާމުގެ ޚިދުމަތްކަމަށެވެ.

މައްސަލަތަކާއި ގުޅިގެން ޝަކުވާ ހުށައެޅޭނީ ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިންނެވެ. ޕީޖީއިން ވިދާޅުވީ މައްސަލަ އެންޓަރކުރުމުން ފޯމުގެ ގިނަ ޢާއްމު ބައިތައް ހުންނާނީ ސިސްޓަމުން އޮޓޮމެޓިކުން އެންޓަރވާގޮތަށްކަމަށެވެ.

ޝަކުވާ ހުށައަޅާ މީހާ ކުރަންޖެހޭނެ މަސައްކަތަކީ، އޭނާ ހުށައަޅާ ޝަކުވާއަކީ ކޮބައިކަން ބަޔާންކުރުމާއި، ތަޙުޤީޤީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރުމުގެ މަސައްކަތެކެވެ. އެ ލިޔުން ބޭނުންވަނީ، މައްސަލައެއް ހުށަހެޅިކަން ޔަޤީންކުރުމަށްކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ޝަކުވާ ހުށައެޅުމުން، ފޯމު ސީދާ ގޮސް ލިބޭނީ އެ މައްސަލައެއް ބެލުމާ ޙަވާލުވެ ހުރި ޕްރޮސިކިއުޓަރުގެ ސްކްރީނަށެވެ. ޕްރޮސެކިއުޓަރު އެ ޝަކުވާ ފޯމު ކިޔުމަށްފަހު، ޖަވާބުދޭނެކަމަށް އަންދާޒާކުރާ ދުވަހެއް ކަނޑައަޅަންޖެހޭނެކަމަށާއި، އެ ސްކްރީނުން އެހެން ސްކްރީނަކަށް ނުވަތަ އެހެން މަސައްކަތަކަށް ދެވޭނީ، ޖަވާބުދޭނެ މުއްދަތެއް ލިޔުމަށްފަހުގައިކަމަށް ޕީޖީ ވިދާޅުވިއެވެ.

ޖަވާބުދޭނެ ދުވަހެއް ނޯޓުކުރާ ވަގުތު، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖަކުން އެކަން އެނގޭނެއެވެ. އެ މައްސަލައާއި ގުޅިގެން ހުށައެޅި ޝަކުވާ ބަލަމުންދާކަމަށާއި، ޖަވާބެއް އަރުވާނެ ދުވަހުގެ މަޢުލޫމާތު އެ މެސެޖުގައި ހިމެނޭނެއެވެ.

ޖަވާބު ތައްޔާރުވުމާއެކުވެސް، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖަކުން އެކަން އަންގާނެއެވެ.

މިވަގުތު ހަމައެކަނި ޝަކުވާ ފޯމަށް މެސެޖު ދާގޮތް ހެދިޔަސް، ކައިރި މުސްތަޤުބަލެއްގައި، ޕީޖީ އޮފީހަށް ފޮނުވާ ކޮންމެ ސިޓީއަކަށްވެސް، އެސިޓީ ފޮނުވި މީހަކަށް، ސިޓީއާ ޙަވާލުވެހުރި މީހެއްގެ މަޢުލޫމާތާއި ޖަވާބުލިބޭނެކަމަށް އަންދާޒާކުރާ ދުވަހުގެ މަޢުލޫމާތު ފޯރުކޮށްދޭގޮތް ހަދާނެކަމަށް ޝަމީމް ވަނީ ވިދާޅުވެއެވެ. އަދި އެޓެކްނޮލޮޖީ މިވަގުތުވެސް އެބަހުރިކަމަށާއި، ޚިދުމަތަށް ތައްޔާރުވަމުންދާކަމަސް ޕީޖީ ވިދާޅުވިއެވެ.

ޕީޖީގެ އޮންލައިން ޕޯޓަލްގެ ތެރެއިން، އެމީހަކު މިހާތަނަށް ޕީޖީ އޮފީހާ ކުރި ހުރިހާ މުޢާމަލާތުތަކުގެ އިތުރުން ހުށަހެޅި ފޯމުތަކާއި އެފޯމުތަކަށް ދީފައިވާ ޖަވާބުތައްވެސް ފެންނަން ހުންނާނެއެވެ.

އޮންލައިން ނިޒާމު އަވަސްވެފައި ފަސޭހަވިޔަސް، އޮންލައިން ނޫން ގޮތަކަށް، ސީދާ ކަރުދާސް ފޯމަކުން ނުވަތަ ސިޓީއަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ މީހުންނަށް، އެފުރުޞަތު، ކުރިއެކޭވެސް އެއްގޮތަށް އޮންނާނެއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ޕީޖީގެ އޮފީހުގެ ޚިދުމަތް "ލަގްޒަރީ ޕަބްލިކް ސަރވިސް"އަކަށް ހެދުމަށް މިހާރުވެސް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާކަމަށެވެ. އެގޮތުން ކުށުގެ ރެކޯޑް ސާފުކުރުން އޮޓޮމޭޓްކުރުމާއި މައްސަލައެއްގައި އަނިޔާ ލިބޭ މީހަކަށް، އެމީހެއްގެ މައްސަލައެއް ހިނގާގޮތް ކޮންމެ ވަގުތަކުވެސް ބެލޭނެ އިންތިޒާމްގެ އިތުރުން ކޯޓަށް ފޮނުވާ މައްސަލަ އޮންލައިންކޮށް ފޮނުވޭނެ ގޮތްވެސް މިހާރު ހަމަޖައްސާފައިވަކަމަށެވެ. ޕީޖީގެ މި ޚިދުމަތްތަކާއެކު، މިހާރު އެއްވެސް ޚިދުމަތެއް ހޯދުމަށް އިދާރާއަށް ދާން ނުޖެހޭނެކަމަށް ޕީޖީ ޝަމީން ވިދާޅުވިއެވެ.

ޕީޖީންވަނީ މައްސަލަތަކުގެ އަދާހަމަ ވެބްސައިޓެއްވެސް ޤާއިމުކޮށްފައެވެ. އަދި ޖިނާޢީ ހުރިހާ ޤާނުތައް ފެންނަ ޑޭޓަބޭސްއެއްވެސް ހިމެނެއެވެ.