ޚަބަރު

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި


  • 71،597 މެންބަރުންނަށް ވޯޓުލުމުގެ ޙައްގު ލިބޭ

  • ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:00 އާ ހަމައަށް

  • 227 ވޯޓު ފޮށި ވަނީ ބަހައްޓާފައި

  • ހަފްތާއެއްގެ ތެރޭގައި ރަސްމީ ނަތީޖާ އިޢުލާންކުރެވޭނެ

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 10:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:00 އާ ހަމައަށެވެ.

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި 296 މީހަކު ވަނީ އެކި ދާއިރާތަކަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ ތެރެއިން އެންމެ ފަރާތަކުން ޓިކެޓަށް އެދި ހުށަހަޅާފައިވާތީ 13 ފަރާތަކަށް ވަނީ އެ ދާއިރާތަކުގެ ޓިކެޓު ކަށަވަރުވެފައެވެ. އެހެންކަމުން ޕްރައިމަރީގައި ވާދަކުރަނީ 283 މީހުން ކަމަށާއި، އޭގެ ތެރޭގައި 32 އަންހެނުން ހިމެނޭކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

ޕްރައިމަރީގައި ވޯޓުލުމަށް ރާއްޖޭގެ އެކި ރަށްތައް ހިމެނޭހެން ޖުމަލް 227 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދާ ސަރަޙައްދުތައް:

• ކަލާފާނު ސްކޫލް
• ޖަމާލުއްދީން ސްކޫލް
• ތާޖުއްދީން ސްކޫލް
• ހެންވޭރު ދަނޑު

މި ސަރަޙައްދުތަކުގެ އިތުރުން ވިލިމާލެ ޔޫތު ސެންޓަރާއި، ހުޅުމާލެ ކާމިލް ދީދީ ސްކޫލާއި ރެހެންދި ސްކޫލުގައިވެސް ވޯޓުފޮށިތައް ވަނީ ބަހައްޓައިފައެވެ. މާލޭގައި ބަހައްޓާފައިވާ ފޮށިތަކުގެ ތެރެިން ހެންވޭރު ދަނޑުގައި ބަހައްޓާފައިވަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަ ފޮށިތަކެވެ.

މި ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީގެ 71،597 މެންބަރުންނަށް ވޯޓުލުމުގެ ޙައްގު ލިބޭކަމަށް އެ ކޯލިޝަނުން ބުންޏެވެ.

ވޯޓުލުން ނިމުމުން ކޮންމެ ފޮށްޓެއް ކައިރީގައިވެސް ވަގުތީ ނަތީޖާ އިޢުލާންކުރާނެކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. އަދި ހަފްތާއެއްގެ ތެރޭގައި ރަސްމީ ނަތީޖާ އިޢުލާންކުރާނެކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ޕްރައިމަރީ ކުރިއަށްދަނީ 73 ދާއިރާއެއްގައި ކަމަށެވެ. 13 ދާއިރާއެއްގެ ޓިކެޓް މިހާރު ކަށަވަރުވެފައިވާއިރު 3 ދާއިރާއަކަށް ވާދަ ނުކުރަން އެ ކޯލިޝަނުން ވަނީ ނިންމާފައެވެ. ވާދަނުކުރަން ނިންމީ ޖުމްހޫރީ ޕާޓީއާއި އެމްއެންޕީއާއި އެމްޑީއޭގެ ލީޑަރުން ވާދަކުރައްވާ 3 ދާއިރާއަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާރިޗުމަހުގެ 17 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 30 އިން ފެށިގެން އީސީން ހުޅުވާލާނެއެވެ.