ޑޮލަރު ލިބުމުގައި ދިވެހި ކުދި ވިޔަފާރިތަކަށް ދަތިތަކާ ދިމާވާ ކަމަށާއި، މިއަހަރު ތެރޭގައި "އެކްސްޗޭންޖް ރޭޓު" ހަމައަކަށް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން ވިދާޅުވީ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ވަޒީރު ވަނީ ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ސަޢީދު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ފައިސާ ދޫކުރުމަކީ ސަރުކާރުގެ "ހަފުތާ14" ގައި ވެސް ހިމެނޭ ކަމެއް ކަމަށާއި، އެކަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން، އެސްއެމްއީ ބޭންކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ އިތުރުން ބޭރުގެ އެހީއާއެކު ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ލޯނުތަކެއް ރާވަމުންގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރެއިން 50 މިލިއަން ރުފިޔާ އާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ ލޯނުތަކެއް އަންހެން ވިޔަފާރިވެރިންނަށް ދޭން ގަސްތުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ވެސް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން، "ކްރިއޭޓަރ އިކޮނޮމީ" ހަބެއްގެ ބިންގާ ވަރަށް އަވަހަށް އެޅޭނެ ކަމަށާއި، އޭގެ ފައިސާ ހަމަޖެހިފައިވާކަމަށެވެ. މީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންނަށާއި އީޖާދީ މަސައްކަތްތެރިންނަށް ބޮޑު ޖާގައެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ފައިސާގެ ސްކީމެއްވެސް ތައާރަފު ކުރުމަށް ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކްރިއޭޓަރ އިކޮނޮމީ ޤާއިމުކުރުމުގައި ލުއި ގޮތްތަކަށް ފުރުސަތު ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަށް ހުރި އެންމެ ބޮޑު މައްސަލައަކީ ޑޮލަރުގެ މައްސަލަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކްސްޗޭންޖް ރޭޓު ނުވަތަ ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލަ މިއަހަރު ހަމައަކަށް އަޅުވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
"ރަސްމީ މާކެޓުގައި 15.42 އަކަށް ލިބެން ހުއްޓަސް ވަރަށް އެކްޓިވް ބްލެކް މާކެޓެއް އެބައޮތް. މި ހަގީގަތާ އަޅުގަނޑުމެން އެބަޖެހޭ ކުރިމަތިލާން. ރައީސްގެ މަސައްކަތްޕުޅުގައި ވަރަށް ޓާގެޓެޑް މަސައްކަތްތައް އެބަހުރި، އަޅުގަނޑު ޔަގީންކަން އަރުވަން މިއަހަރު ތެރޭގައި އެކްސްޗޭންޖް ރޭޓު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރާނަން. މިހާރުވެސް އެ މަސައްކަތް ފަށާފައިވީ،" ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ސަރުކާރުން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ 7 ބިލިއަން ރުފިޔާ ހުރި ކަމަށެވެ. ނަމަވެސް އެ ޢަދަދު މިހާރު 3.5 ބިލިއަން ރުފިޔާއަށް ދަށް ކުރެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.