ޚަބަރު

ލޭންޑު ޔޫސް ޕްލޭން ތައްޔާރުކުރުމަށް އެލްޖީއޭއިން ކައުންސިލްތަކަށް މާލީ އެހީ ދެނީ


  • ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިނީ މަދު ކައުންސިލަކުން

  • ކޯޓޭޝަން ހުށައެޅުމުން ފަންޑު ހަމަޖައްސާދޭނެ

  • ލޭންޑް ޔޫސް ޕްލޭން އެއް ވިއުގައަކުން ބެލޭނެ ގޮތް ހަދާނެ

އެކި ކަންކަމަށް ރަށްރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހެދުމަށް ނުވަތަ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށް ކައުންސިލްތަކަށް ފަންޑު ހަމަޖައްސައިދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ނިންމަވައިފިއެވެ.

ލޭންޑް ޔޫސް ޕްލޭނަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު އެއްބައެވެ. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، އެރަށެއްގެ އެކި ބޭނުންތަކަށް ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމަށް ކައުންސިލްތަކަށް ޤާނޫނުން ލާޒިމްކުރެއެވެ. ލޭންޑު ޔޫސް ޕްލޭން ފާސްނުކޮށް ރަށު ކައުންސިލްތަކަށް ބިން ބޭނުން ނުކުރެވޭނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ސީއީއޯ ޑރ. މަރްޔަމް ޒުލްފާ ވަނީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަކީ ވަރަށް ފަންނީ މަސައްކަތެއްކަން ފާހަގަކުރައްވާ އެ ޕްލޭން އެކުލަވާލުމުގައި ކައުންސިލްތަކަށް އަދިވެސް ވަރަށް ބޮޑެތި ތިތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް ލޭންޑް ޔޫސް ޕްލޭން ހުށައަޅާފައިވަނީ 39 ވަރަކަށް ރަށު ކައުންސިލުންކަން ފާހަގަކުރައްވާ ޒުލްފާ ވިދާޅުވީ، ލޭންޑް ޔޫސް ޕްލެން ނުހަދާ ހުރި ރަށްތަކަށް އެ ޕްލޭން ފުރިހަމަކުރުމަށް އެލްޖީއޭއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ކުންފުނިތައް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރަން ބޭނުންވާ ކައުންސިލްތައް "ކޯޓޭޝަން" ނުވަތަ ހިނގާނެ ޚަރަދުގެ ތަފްސީލް ހުށައެޅުމުން ފައިސާގެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ޒުލްފާ ވިދާޅުވިއެވެ. މީގެ އިތުރުން 5 އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެއް ނިޒާމެއްގެ ތެރެއިން ބެލޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރައްވާކަމަށްވެސް އެލްޖީއޭގެ ސީއީއޯ ވިދާޅުވިއެވެ.

"އާބަން ޕްލޭނިން ޤާނޫންގެ ދަށުން ކޮންމެ ޤައުމެއްގައިވެސް އޮންނާނެ އާބާން ސްކީމްސްތަކެއް. އެ ސްކީމްތައް ހެދެންދެން، އެކަމުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުން ލޭންޑް ޔޫސް ޕްލެންތައް ނިންމަން މި ޖެހެނީ. ރަށްރަށުގެ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ކައުންސިލްތަކުގެ ޕްލޭނިންގެ ތެރޭގައި ހިމެނޭ ކަންކަން އެލްޖީއޭގެ ވިއުގާގައި ހިމެނުމަށްޓަކައި އެ މަޢުލޫމާތު ވަރަށް ތަފްސީލީ ގޮތެއްގައި ލިބޭނެ ގޮތް ހެދުމުގެ ލަފަފުޅު ރައީސްއަށް އަރުވާނެ،" އެލްޖީއޭގެ ސީއީއޯ ޑރ. މަރްޔަމް ޒުލްފާ ވިދާޅުވިއެވެ.

ޑރ. ޒުލްފާ ވިދާޅުވީ އެލްޖީއޭގެ ތެރެއިން ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ފެންނަން ހުރުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙާއްދުތަކުގައި ކުރިއަށްގެންދާނެ އިޤްތިޞާދީ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު ލިބި ކުރިއަށްގެންދާނެ މަޝްރޫޢުތައް އެނގިގެންދާނެކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބަޔާންކުރަނީ ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ހަވާލުވާތާ ތިން މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެ ރަށެއްގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލަންވާނެކަމަށެވެ. އެހެންނަމަވެސް މިމަސައްކަތްކުރުމަށް ގިނަ ދަތިތަކެއް ކުރިމަތިވެ ގިނަ ކައުންސިލްތަކުން ލޭންޑު ޔޫސް ޕްލޭން ތައްޔާރުކޮށްފައެއް ނުވެއެވެ.