ކުޅިވަރު

ލަންކާ މޯލްޑިވްސް ޓެނިސް ޗެލެންޖުގައި ދިވެހި ކުޅުންތެރިންނަށް ބޮޑު ކުުރިއެރުންތަކެއް


ރާއްޖެއާއި ސްރީ ލަންކާގެ ޓެނިހުގެ ވަރުގަދަ ކުޅުންތެރިންނާއެކު ރާއްޖޭގައި ބޭއްވި ސްރީ ލަންކާ - މޯލްޑިވްސް ޓެނިސް ޗެލެންޖުގައި ދިވެހި ކުޅުންތެރިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ.

ސަރަހައްދީ ގޮތުން ބަލާއިރު ލަންކާ އަކީ ރާއްޖެއަށްވުރެ ވަރުގަދަ ޤައުމެކެވެ. ނަމަވެސް ފަހަކަށް އައިސް ދިވެހި ކުޅުންތެރިން ވަނީ ލަންކާގެ ކުޅުންތެރިންނާއި ރަނގަޅު ވާދައެއް ކުރަމުންނެވެ.

މި މަހުގެ 19-23 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ލަންކާގެ ފަސް ކުޅުންތެރިން ވާދަކޮށްފައިވެއެވެ. މީގެ ތެރޭގައި ޖޫނިއާ ޗެމްޕިއަނުން ހިމެނެއެވެ. ރާއްޖެއިން ވާދަކޮށްފައިވަނީ ޤައުމީ ޓީމުގެ އެންމެ ވަރުގަދަ ކުޅުންތެރިންނެވެ.

މި މުބާރާތުގައި ރާއްޖޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ފާއިހް ފަޒީލް ވަނީ މެންސް ސިންގަލްސް ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލުގައި އޭނާ ބަލިވީ ލަންކާގެ ވަރުގަދަ ކުޅުންތެރިއެއް ކަމަށްވާ އާޝެން ސިލްވާ އާއި ވާދަކޮށް 2 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 0-6 އިން ލަންކާ ކުޅުންތެރިޔާ ކާމިޔާބުކުރި ނަަމަވެސް ދެވަނަ ސެޓުގައި ފާއިހް ވަނީ 6-4 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ފަހު ސެޓު ލަންކާ ކުޅުންތެރިޔާ ވަނީ ދެ ޕޮއިންޓުގެ ތަފާތުން ކާމިޔާބުކޮށްފައެވެ. އެއީ 8-10 އިންނެވެ.

މީގެ އިތުރުން ރާއްޖޭގެ އެހެން ކުޅުންތެރިންވެސް ވަނީ ލަންކާގެ ކުޅުންތެރިންނާއި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

ޖުމްލަ 8 ކެޓަގަރީއަކަށް ހުޅުވާލައިގެން ކުރިއަށްދިޔަ މި މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮނަރަނީ ރައީސް އަހުމަދު ނަޒީރާއި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީނުގެ އިތުރުން ޓެނިސް އެސޯސިއޭޝަނުގެ އިސްވެރިންނެވެ.

ދާދިފަހުން ރާއްޖޭގެ ޤައުމީ ޓެނިސް ޓީމު ވަނީ އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިން އިވެންޓުން ތާރީޚީ ކާމިޔާބީތަކެއް ހޯދާފައެވެ. ވިއެޓްނާމުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ޓެނިސް ޓީމު ވަނީ ވާދަކުރި އިވެންޓުތަކުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ. އެގޮތުން ރާއްޖޭގެ އުއްމީދީ ތަރި ނަބާ ނިޝާން ވަނީ އަންހެން ސިންގަލްސްގެ ދެ މުބާރާތުންވެސް ރަން މެޑަލް ހޯދާފައެވެ. އަދި ރާއްޖޭގެ އާދަމް އާލް ނިޔާޒް އާއި މީކާ މުޙައްމަދު ކަލީމުގެ ޕެއާ ވަނީ ފިރިހެން ޑަބަލްސް ބައިގެ ސެމީ ފައިނަލުގައިވެސް ވާދަކޮށްފައެވެ. މި ރަސްމިއްޔާތުގައި އެ ކުޅުންތެރިންގެ އަގު ވަޒަންކޮށްފައިވެއެވެ.