ޚަބަރު

އެހީ ހައްގު ނޫން މީހުންނަށް 18.4 މިލިއަން އެންސްޕާއިން ދޫކުރި: އޮޑިޓު


  • ނަހަމަ ގޮތުގައި އެކަނިވެ މައިންނާއި ބަފައިންނަށް 10 މިލިޔަން ރުފިޔާ ދޫކުރި

  • ތެރަޕިޔުޓިކް ފަރުވާ ހޯދަން ދޫކޮށްފައިވާ 7.6 މިލިއަން ރުފިޔާ ހިމެނޭ

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ ގޮތުގައި 234،294 ރުފިޔާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް ދެމުންދާ އެލަވެންސް، ލިބެން ނުޖެހޭ މީހުންނަށް 18.4 މިލިޔަން ރުފިޔާ ދީފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން އަންގަވައިފިއެވެ.

އޮޓިޑް އޮފީހުން އާންމުކުރި އެންސްޕާގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ އެހީ ލިބެން ނުޖެހޭ ގިނަ ބަޔަކަށް 2022 ވަނަ އަހަރުގެ ނިޔަލަށް 18.4 މިލިއަން ރުފިޔާ އެންސްޕާ މެދުވެރިކޮށް ދީފައިވެއެވެ. އެގޮތުން ފައިސާ އެކަނިވެރި މައިންނާއި ބަފައިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސްއާއި އެފަދަ މީހުންނަށް ދޭ ތެރަޕިޔުޓިކް ފަރުވާ ހޯދުމުގެ އެހީގެ ގޮތުގައިވެސް އެ އެހީ ދޭން ނުޖެހޭ ބަޔަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ، ދޭން ނުޖެހޭ މީހުންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިޔުޓިކް ފަރުވާ ހޯދަން ދޫކޮށްފައިވާ 7.6 މިލިއަން ރުފިޔާ ނަހަމަ ގޮތުގައި ދޫކޮށްފައިވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ ގޮތުގައި 234،294 ރުފިޔާ ނަހަމަ ގޮތުގައި ދުކޮށްފައިވާކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. މިކަމާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް އެންސްޕާއަށް ލަފާދެއްވާފައެވެ.

އެ ރިޕޯޓްގައި ބުނީ ޑިސެމްބަރު 2022ގެ ނިޔަލަށް އެންސްޕާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އޮޑިޓް ސާމްޕަލުން ޗެކުކުރި 504،500 ރުފިޔާއަކީ 2015 އާއި 2018 ވަނަ އަހަރާ ދެމެދު ދީފައިވާ އެހީގެ ފައިސާގެ ތެރެއިން އިތުރަށް ދީފައިވާ ފައިސާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު 16ގެ ނިޔަލަށް އޭގެ ތެރެއިން އެއްވެސް ފައިސާއެއް ހޯދާފައިނުވާކަކަމަށް އެ ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެހީ ދޭން ނުޖެހޭ މީހުންނަށް އެންސްޕާއިން އެހީ ފޯރުކޮށްދީފައިވަނީ ނުވަތަ ފައިސާ އިތުރަށް ދީފައިވަނީ އެހީ ލިބޭ ފަރާތުގެ ހާލަތު ބަދަލުވުމުން ނުވަތަ އެފަދަ މީހަކު މަރުވުމުން އެ މައުލޫމާތު އެންސްޕާއަށް ހިއްސާކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިފައި ނޯންނާތީކަމަށެވެ.

އެފަދަ ފައިސާ ހޯދަން އެ އިދާރާގައި ރިކަވަރީ ޔުނިޓެއް ގާއިމްކޮށްފައިވީ ނަމަވެސް އެ ޔުނިޓުގައި އެންމެ މުވައްޒަފަކު އުޅޭތީ އެ މަސައްކަތް އެކަށީގެންވާ ވަރަށް ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެންސްޕާއިން އެހީ ދޭ ނިޒާމު ހަރުދަނާ ކުރުމަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ އާއި ނުކުޅެދޭ މީހުންނަށް ދޭ އެހީ އާއި ތެރަޕިޔުޓިކް ފަރުވާ ހޯދަން ދޭ އެހީ، އެހީ ލިބޭ މީހާގެ ހާލަތު ބަދަލުވުމުން އެކަން އެންސްޕާއަށް އެނގޭނެ ނިޒާމެއް ގާއިމްކުރަން އޮޑިޓް އޮފީހުން ލަފާދެއްވާފައިވެއެވެ.