މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާކީ އޮތް ދުވަސްތަކުގައި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތްކުރަން ނިންމައިފިއެވެ.
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން މިކަން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ޑިމޮކްރެޓްސްއާ ގުޅިގެން މަސައްކަތް ކުރަން ނިންމީ ހަމައެކަނި މަޖިލީހުގެ މިދައުުރުގައި ބާކީ އޮތް މުއްދަތަށް ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދެ ޕާޓީންވެސް މަސައްކަތް ކުރާނީ ވަކިންކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރި ނަމަވެސް ދެ ޕާޓީގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތައް އަދިވެސް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ އެއްގޮތަކަށްވެސް ކައިވެންޏެއް ކުރާކަށްނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ޤައުމުގައި އަޅުގަނޑުމެން ދެ ބައި ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރީމާ އެކަންކަން އަޅުގަނޑުމެން މަޖިލިސް ތެރެއިން އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން،" ފައްޔާޒު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީއާ ވަކިވެ، އައު ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރަން ފެއްޓީ އެ ޕާޓީގެ ބައެއް ސިޔާސަތުތަކަށް އެއްބަސްނުވެވޭތީ ކަމަށެވެ. އަދި ވަކި ސިޔާސަތުތަކާއި ޚިޔާލު ތަފާތުވި ނަމަވެސް ބައެއް ކަންކަމުގައި އެކުގައި މަސައްކަތް ކުރެވޭނެ ކަމަށާއި ސަރުކާރު ޒިންމާދު ކުރުމަކީ އެފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ ދެ ޕާޓީ ގުޅިގެން 19 ވަނަ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން، ޤާނޫނުތަކަށް ބަދަލުތައް ގެނެސްގެން މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓޭނެ ގޮތް ހެދުމާއި ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ މީހުންގެ އަދަދުވެސް ހިފެހެއްޓިފައި އޮންނަ ގޮތެއް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމުގަޔާއި އެ ރެގިއުލޭޓް ކުރުމުގައި ވަކި އުސޫލެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން އެއިރެއްގައި ސަރުކާރެއްގައި އެ ތިބޭ ބަޔަކު ހިތުހުރި ގޮތަކަށް ކުންފުނި ހިންގަން ދިމާކުރިމާ ރާއްޖޭގެ އިގްތިސާދަށް އެވާ ގެއްލުން، އެއީ ވަރަށް ބޮޑު ގެއްލުމެއް، ފޫ ނުބެއްދޭވަރުގެ ގެއްލުންވާކަން މިހާރު ފާހަގަކުރެވޭތީ ސަރުކާާރު ހިއްސާވާ ކުންފުނި އުފެއްދޭނެ ގޮތާއި ރެގިއުލޭޓް ކުރެވޭނެ ގޮތް ޤާނޫނަކުން ކަނޑައަޅަން އަޅުގަނޑުމެން ދެ ޕާޓީއަށްވެސް އެއްބަސްވެވޭ،" ހަސަން ލަތީފު ވިދާޅުވިއެވެ.
19 މަޖިލީހުގައި އެކުގައި މަސައްކަތް ކުރަން ނިންމުމުގެ ގޮތުން، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ވަނީ މިހާރު ހުށަހަޅާފައެވެ. އެ ޖަލްސާ ބާއްވަން ހުށަހެޅީ މަޖިލިސް އިންތިހާބު ރަމަޟާންމަހަށްފަހު ބާއްވާ ގޮތަށް ޤާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރުމުގެ އިތުރުން، ވަޒީރުންގެ މަޖިލީހަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްކަމަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ބުނެއެވެ.