ޚަބަރު

ކައުންސިލްތަކުގެ ބައިވެރިވުމާއެކު މިހާރަށްވުރެ މަސައްކަތް ހަލުއިކުރާނަން: ޒުލްފާ


  • ކައުންސިލްތައް ބާރުވެރިކުރުމަށް ފްރޭމްވޯކެއް ތައްޔާރު ކުރަނީ

  • ރައީސްގެ ވައުދުތައް ފުއްދަވައިދިނުމަށް ކައުންސިލްތަކުގެ އެއްބާރުލުން ހޯދާނަން

ލާމަރުކަޒީ ނިޒާމްގެ އެއްވެސް ހައްގެއް ހަނިނުކޮށް ހުރިހާ ކައުންސިލްތައް ބައިވެރިކޮށްގެން މިހާރަށްވުރެ ހަލުވި މިނެއްގައި މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ. އެލްޖީއޭގެ ސީއީއޯ މިހެން ވިދާޅުވީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނު ތަންފީޒުކުރުމަށް ކައުންސިލަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޒުލްފާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ދިމާވެފައި އޮތް މައްސަލައަކީ ހިންގުމުގެ ހަރުދަނާ ނިޒާމެއް ނެތުންކަމަށެވެ. އެހެންކަމުން މިސަރުކާރުން ލާމަރުކަޒީ ޤާނޫނު ހަރުދަނާކޮށް ހިންގޭނެ ހުރިހާ މަގެއް ފަހި ކުރައްވާނެކަމަށާއި ލާމަރުކަޒީ ނިޒާމްގެ އެއްވެސް ހައްގެއް ހަނިކުރެއްވުމުގެ ވިސްނުންފުޅެއް މިސަރުކާރުން ނުގެންގުޅުއްވާކަމަށެވެ. އަދި މިނިޒާމުގެ އޮނިގަނޑު ހަރުދަނާކުރުމަށް އިތުރަށް ކުރައްވަން ޖެހިވަޑައިގަންވާ ކަންކަން ހަރުދަނާކުރައްވާނެ ކަމަށް ޒުލްފާ ވިދާޅުވިއެވެ.

" ސަރުކާރުގެ ވިސްނުން ހުރީ ރަށްރަށު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ހިންގާލުމަށް ބާރުވެރިވާނެ ކަންކަން ކުރުމަށް، އެކަމާ އަޅުގަނޑުމެން ޝައްކެއްވެސް ނުކުރަން ރައީސް ޑރ.މުއިއްޒު އެކަމަށް ފުރުސަތުދެއްވާނެ އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތަފާތު ކުރުމެއްވެސް ނުގެންގުޅުއްވާނެ" އެލްޖީއޭގެ ސީއީއޯ ވިދާޅުވިއެވެ.

އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވީ ކައުންސިލްތައް ހިންގުމަށް ބޭނުންވާ ފްރޭމްވޯކް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި އެކަމަށް ބޭނުންވާ ފަންނީ ތަމްރީން ކައުންސިލްތަކަށް ފޯރުކޮށްދެއްވާނެކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް ހިންގުން ހަރުދަނާކޮށް މިހާރަށްވުރެބޮޑަށް ކަންކަމަށް ފާރަވެރިވާނެކަމަށާ، މޮނިޓަރ ކުރުމުގައި ހަރުދަނާ އުސޫލުތައް ގެންގުޅުއްވާނެކަމަށް ޒުލްފާ ވިދާޅުވިއެވެ.