އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ފަސޭހަކަމާއެކު މިޑިލްސްބްރާ ބަލިކޮށް މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާއަކުންނެވެ. މިޑިލްސްބްރާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ އެ ޓީމުންނެވެ. އެހެންކަމުން ޗެލްސީ ފައިނަލަށް ދަތުރުކުރީ 6-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިއީ ލީގު ކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކުރި 10 ވަނަ ފަހަރެވެ.
މެޗުގައި ޗެލްސީން ލީޑު ނެގީ 15 ވަނަ މިނެޓުގައެވެ. މިއީ މިޑިލްސްބްރާގެ ހޯސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޒޯ ފެންނާޑޭޒް އެވެ. އަދި ތިންވަނަ ލަނޑު 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެކްސެސް ޑިސާސީ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ޗެލްސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކޯލް ޕާމާ އެވެ.
ފަސްވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން 77 ވަނަ މިނެޓުގައި އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ޕާމާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނެޓަށް ވެފައިވަނިކޮށް ޗެލްސީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ނޯނީ މަޑުއޭކޭ އެވެ. މިޑިލްސްބްރާގެ ހަމައެކަނި ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޖާސް އެވެ.
މުބާރާތުގެ ފައިނަލުގައި ޗެލްސީ ބައްދަލުކުރާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ލިވަޕޫލާ ފުލަމް ބައްދަލުކުރާ ދެ ލެގުން މޮޅުވާ ޓީމަކާއެވެ. ފުރަތަމަ ލެގު 2-1 އިން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 25 ގައެވެ.