ޚަބަރު

ރައީސް ޑރ. މުޢިއްޒު ވަނީ ލާމަރުކަޒީ ނިޒާމުގެ ޗެންޕިއަންކަން ހޯއްދަވާފައި: އާދަމް ޝަރީފް


  • ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް ފުރިހަމަ ނިޒާމެއްވަނީ ޤާއިމްވެފައި

  • ފަޅު ރަށްރަށް ބޭނުންކޮށްގެން ކައުންސިލްތަކަށް ޢާމްދަނީ ހޯދޭނެ ގޮތްތައް ވަނީ މިހާރު ފަހިވެފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެންޕިއަންކަން ހޯއްދަވާފައިކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މާލެ ސިޓީގެ އައު މޭޔަރާއި، ކައުންސިލުގެ ހުސްވެފައިވާ 3 ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާރުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ކައުންސިލްތަކަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި ޢާމްދަނީ ހޯދުމަށް، ކައުންސިލްތަކަށް ފަޅު ރަށްރަށް ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ، މާލީ ގޮތުން ބާރުވެރިކުރުވުމަށް މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ފަހިކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ބޭއްވެވި އެންމެ ފުރަތަމަ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާހިސާބަށްއައިރު، ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ފަޅު ރަށްރަށް ބޭނުންކުރެވޭނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ޤާއިމްކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިއީ މިހާތަނަށް އައިރު އެއްވެސް ރައީސެއްގެ ވެރިކަމެއްގައި ކޮށްދެއްވާފައިނުވާކަމެއްކަން ފާހަގަކުރަމުން، ވަޒީރު ވިދާޅުވީ މި ނިޒާމު ފަހިވުމާއިއެކި، އަދުގެ ރައީސުލްޖުމްހޫރިއްޔާ މިވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެންޕިއަކަން ހޯއްދަވާފައި ކަމަށެވެ.

"މިއަދު މިހާހިސާބަށް އައިރު، އަޅުގަނޑު އުފަލާއިއެކު ފާހަގަކުރަން ބޭނުން މިއަދު، ރާއްޖޭގެ ކޮންމެ ކައުންސިލަކަށްވެސް، އެ ކައުންސިލަކުން ބޭނުންވާނަމަ ފަޅުރަށެއް ލިބޭނެގޮތް، މިއަދު އެވަނީ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާދެއްވާފައި." އާދަމް ޝަރީފް ވިދާޅުވިއެވެ.

ސިޓީތަކާ ބެހޭ ވަޒީރު ވިދާޅުވީ އަލަށް މޭޔަރުކަމަށް ހުވާކުރެއްވި ބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނަށް ގެންގުޅުއްވާ ތަޞައްވުރު ކުރިއަށްގެންދަވާނެ ބޭފުޅެއްކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާރުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މޭޔަރަކަށް ހުންނެވިރު، ތަފާތު ފިކުރުގެ ކައުންސިލަރުން ތިއްބެވި ކަމަށެވެ. އެހެންނަމަވެސް، ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަންކޮށް، ނަތީޖާ ނެރުމަށްޓަކައި، ހުރިހާ ފިކުރެއްގެ ކައުންސިލަރުންނާއެކުވެސް، ރައީސް ޑރ. މުޢިއްޒު މަސައްކަތްކުރެއްވިކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މާލޭގެ ރައްޔިތުންގެ މަންފާއަށް ސަރުކާރާއެކީ މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަށް މޭޔަރ ޢާޒިމް އަރުވާކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީގައި އޮތްނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވަނީ މޭޔަރާއި ގުޅިގެން މަސައްކަތްކުރެއްވުމަށްކަމަށް ނަރީޝް ވިދާޅުވިއެވެ.

"އަޅުގަނޑު މޭޔަރަށް ދޭން އޮތް ޔަޤީންކަމަކީ، މާޔޫސްވެނުލައްވާށޭ، މަނިކުފާނަށް އަޅުގަނޑުމެން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވަން، ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ ކިބައިން ވަނީ ނަޞޭހަތްތެރިވެފައި. އިރުޝާދުދެއްވާފައި. އެގޮތުގައި އަޅުގަނޑުމެން ދެމިތިބޭނަން. އެ އެއްބާރުލުން މަނިކުފާނަށް ލިބޭނެ." ނަރީޝް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް ޢާޒިމްވެސް ވަނީ ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މާލޭ ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމެއްގައި ސަރުކާރާއެކު މަސައްކަތްކޮށް، މާލޭގެ ރައްޔިތުން ބޭނުންވާ ކަންކަން ފަހިކޮށްދެއްވާނެކަމަށް ޢާޒިމް ވަނީ ވިދާޅުވެފައެވެ.