ޚަބަރު

ދާޚިލީ ސަލާމަތާ ރައްކާތެރިކަމާބެހޭ ޤަނޫނުތަކަށް އިސްލާހު ގެންނަން ހުށައަޅަނީ


  • ވަޒީރު ވިދާޅުވީ މަޖިލިސް ހުޅުވޭއިރަށް 2 ޤާނޫނެއްގެ އިސްލާހު ހުށައަޅާނެކަމަށް

  • އިސްލާހު ހުށައަޅަނީ ތޫނު ހަތިޔާރު ބޭނުންކުރުރުމާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް

  • ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ނުޙައްޤު މުައްސަނދިކަމުގެ ޤަނޫނުވެސް އިސްލާހުކުރަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ޖަލްސާތައް ފަށާއިރު، ދާޚިލީ ސަލަމާތާއި ރައްކާތެރިކަމާއި ގުޅޭ ބައެއް ޤާނުނުތަކަށް އިސްލާހު ގެނައުމަށް ހުށައަޅުއްވާނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚީލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ މި ދާއިރާގެ ބައެއް ޤާނުނުތަކާއި އުސޫލުތައް މިހާރު ހުރިގޮތުން، ޤައުމުގެ ދާޚިލީ ހަމަޖެހުން ޤާއިމުކުރުމުގައި ބައެއް ކަހަލަ ގޮންޖެހުންތައް ހުރިކަމަށެވެ.

ޚާއްސަކޮށް ބައެއްކަހަލަ މައްސަލަތަކާއި ކުށްތަކުގައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޤާނޫނުތަކުގެ ބައެއް މާއްދާތައް ތަންނުދޭކަމަށެވެ.

ވަޒީރު ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އޮތްގޮތުން، އެ ކުއްޖެއްގެ އުމުރުން 17 އަހަރާއި 11 މަހުގައި ކުރި ކުށެއްގެ އަދަބުވެސް، އެ ހުކުމުގެ މުއްދަތު ކިތަންމެ ދިގުނަމަވެސް، ތަންފީޒުވެ ނިމެންދެން އެމީހަކާމެދު ޢަމަލުކުރަން ޖެހެނީ ކުޑަކުއްޖަކާމެދު ޢަމަލުކުރާގޮތަށްކަމަށެވެ. މިފަދަ ކަންކަމަކީ ހަރުދަނާގޮތެއްގައި ކުށްކުށުގެ އަދަބު ދިނުމަށް އޮތް ހުރަހެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"މިސާލަކަށް 17 އަހަރާ 11 މަހުގެ އުމުރުގެ ކުއްޖަކަށް 20 އަހަރުގެ ހުކުމެއް އައީ. އޭނާ އުމުރުން 30-40 އަހަރުވިއަސް އޭނާއާ މެދު ހުކުން ތަންފީޒުކުމުގައި ޢަމަލުކުރަން ޖެހެނީ ކުޑަކުއްޖެއްގޮތަށް. މިއީ އަވަސް ބަދަލުތައް ބޭނުންވާ މާއްދާތައް." ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ނުޙައްގުން މުއްސަނދިކަން ބަޔާންކުރާ ޤާނުވެސް މިހާރު އޮތް ގޮތުން، އޭގައި މުޅި މުޖުތަމަޢުގެ ވާހަކަ ނެތްކަމަށެވެ.

މި ޤާނުނުގެ ދަށުން ފިޔަވަޅު އެޅެނީ ހަމައެކަނި ދަޢުލަތުގެ މުވައްޒަފުންނަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ޝާމިލުވާ ދަޢުލަތުގެ މުވައްޒަފުން ނޫން މީހުންނަށްވެސް ފިޔަވަޅު އެޅޭނެ ގޮތެއް އޮންނަންޖެހޭކަމަށެވެ. މިފަދަ މުހިންމު އިސްލާހުތަކެއް ޤަނޫތަކަށް ގެނެވިއްޖެނަމަ ކުށްވެރިން ޤާނޫނުގެ ކުރިމައްޗަށް ގެނެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އަންނަ ދައުރަށް މަޖިލިސް ހުޅުވޭއިރު، ދެ ޤާނޫނަކަށް އިސްލާހު ހުށައެޅުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން ފުލުހުންނާއި، ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން މި ޤާނޫނުތައް ދިރާސާކޮށް، އިސްލާހު ގެނައުމަށް ބޭނުންވާ މާއްދާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"މީގެތެރޭގައި ހިމެނެނީ ތޫނު ހަތިޔާރު ބޭނުންކުރުމުގެ ޤާނޫނާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނެ. މި މާއްދާތައް އިސްލާހުކުރަން ބޭނުންވާ ކަންކަން މިދަނީ ދެނެގަންނަމުން. އޭޖީއާއި ގުޅިގެން، މަޖިލިސް ފެށޭއިރަށް މައްސަލަ ވައްދާނަން. އުއްމީދަކީ މަޖިލީހުގެ ތެރެއިން އެއްބާރުލުން ލިބި، އަވަހަށް އިސްލާހުތައް ގެނެވުން." ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފަދަ މުހިންމު ޤާނުތަކަށް އަވަސް ފަރުވާއެއް ހޯދިއްޖެނަމަ، ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ބޮޑު ކުރިއެރުމެއް ހޯދޭނެކަމަށެވެ. މި މަސައްކަތަކީ ޤާނޫނު ހަދާ މަޖިލީހާއި، އަދި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދަންޖެހޭ ވަރަށް މުހިންމު މަސައްކަތެއްކަމަށް ދާޚިލީ ސަލާމަތާ ފަންނާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.