ޚަބަރު

ގުރައިދޫ މަރުކަޒުގައި ތިބި 16 ފަރާތެއް އަނބުރާ ޢާއިލާއާ ޙަވާލުކުރަނީ


  • އަމާޒަކީ މަރުކަޒަށް ގެންދާ މީހުންގެ އަދަދު މަދުކުރުން

  • ރީއިންޓަގްރޭޝަން ޕްލޭނަކާއިއެކު 16 ފަރާތެއް އާއިލާއާއި ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • އާއިލާތަކާ ޙަވާލުކުރުމަށްފަހުވެސް ވަކި މުއްދަތަކަށް މޮނިޓަރކުރާނެ

  • މިހާރު އެ މަރުކަޒުގައި 218 މީހަކު އެބަތިބި

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި 16 ފަރާތެއް އާއިލާއާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ އަންނަ މަހުގެ ތެރޭގައި މި މީހުން އާއިލާއާއި ހަވާލުކުރެއްވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު އިސްމާއިލް ވިދާޅުވީ، އުންމީދަކީ ގުރައިދޫ މަރުކަޒަށް ގެންނަ މީހުންގެ އަދަދު މަދުކުރުންކަމަށެވެ. އަދި އެތަނުގައި މިހާރު ތިބި މީހުން، އަނބުރާ އާއިލާތަކާއި ހަވާލުކުރުންކަމަށެވެ.

އެގޮތުން މިހާރު އެ މަރުކަޒުގައި ތިބި 16 ފަރާތެއް އާއިލާއާއި ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އައިމިނަތު އިސްމާއިލް ވިދާޅުވިއެވެ. އަދި އެ ފަރާތްތައް މުޖްތަމައުއަށް ޙަވާލުކުރެވިގެންދާނީ ރީއިންޓަގްރޭޝަން ޕްލޭނަކާއެކުގައިކަމަށެވެ. އެގޮތުން ކޮންމެ ފަރާތަކަށް މިހާރު ރީއިންޓަގްރޭޝަން ޕްލޭނެއް ހެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕްލޭންގެ ދަށުން އާއިލާތަކާއި އެކުގައިވެސް މަސައްކަތް ކުރަމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު މުޖްތަމައުއަށް ނެރުމަށް ތައްޔާރުވެ ޑޮކްޓަރުންގެވެސް ލިޔުމާއި އަދި އަޅުގަނޑުމެންގެވެސް ކެއަރ ވަރކާސްގެ ހިތްހަމަޖެހުމާއި އެ ލެވެލްއަށް ގޮއްސިއޭ އެގޮތަށް ވިސްނިފައި މަސައްކަތްތަކެއް ކުރެވިފައި އެބަތިބި 16 ފަރާތެއް. އެ 16 ފަރާތް މުޖްތަމައުއަށް ނިކުތުމުގެ ކުރިން ކުރިއަށްގެންދާ ރީއިންޓަގްރޭޝަން ޕްރޮގްރާމް އަދި މަރުކަޒު ތެރޭގައި ކުރިއަށް މިގެންދަނީ މިހާރު." އައިމިނަތު އިސްމާއިލް ވިދާޅުވިއެވެ.

އައިމިނަތު އިސްމާއިލް ވިދާޅުވީ، އެ ފަރާތްތައް އާއިލާތަކާއި ހަވާލުކުރުމަށްފަހުގައިވެސް މޮނިޓަރިން މެކޭނިޒަމްގެ ދަށުން އެ ފަރާތްތައް ވަކި މުއްދަތަކަށް މޮނިޓަރ ކުރާނެކަމަށެވެ. އަދި އެކަމުގައި އާއިލާތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަންވެސް އެ ވުޒާރާގެ ފަރާތުން ފޯރުކޮށްދެމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރުވެސް 218 މީހަކު އެބަތިއްބެވެ. އަދި މި މީހުންނަށް ހިދުމަތް ދިނުމަށްޓަކައި އެތަނުގައި 165 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.