ޚަބަރު

މިއަހަރުގެ ޕްރެކްޓިސް ޕާލިމެންޓް ފޯރ ވުމަން ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


  • ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 27ގެ ނިޔަލަށް

  • ޕްރޮގުރާމުގައި 40 ފަރާތަކަށް ފުރުޞަތު ދެވޭނެ

  • މިއީ ސިލްސިލާ ގޮތެއްގައި ޔޫއެންޑީޕީން ކުރިއަށްގެންދާ ޕްރޮގުރާމެއް

ރައްޔިތުންގެ މިޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އަންހެނުން ތަމްރީނުކުރުމަށް ބާއްވާ "ޕްރެކްޓިސް ޕާލިމެންޓް ފޯރ ވުމަން" ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފިއެވެ.

މި ޕްރޮގުރާމަކީ ޔޫއެންޑީޕީ މޯލްޑިވްސްއާއި، ރައްޔިތުންގެ މަޖިލީހާއި، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއާއި ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ.

ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ޔޫއެންޑީޕީން ހުޅުވާލާފައިވަނީ 25 އަހަރުން މަތީގެ އަންހެނުންނަށް މިމަހުގެ 23 އިން 27 ގެ ނިޔަލަށެވެ. އަދި ޕްރޮގުރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 ފެބްރުއަރީން 24 ފެބްރުއަރީއަށް މާލޭގައެވެ.

ޔޫއެންޑީޕީން ބުނީ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މީހުން ހޮވުމަށް ހަމަޖެހިފައިވަނީ ބެޗުތަކަކަށެވެ. އެގޮތުން ކޮންމެ ބުރަކުވެސް 40 ފަރާތަކަށް ފުރުޞަތު ދެވޭނެކަމަށެވެ. އަދި މިގޮތަށް ހޮވާއިރު، ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުގުވެރިވުމުގެ އިތުރުން، ސިޔާސީ ޕާޓީތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެންޖީއޯތަކާއި، މުޖުތަމަޢުގެ ހަރަކާތްތަކުގައި މީގެ ކުރިން ކޮށްފައިވާ ތަޖުރިބާއަށް ބެލޭނެކަމަށް ޔޫއެންޑީޕީން ވިދާޅުވެއެވެ.

"ޕްރެކްޓިސް ޕާލިމެންޓް ފޯރ ވުމަން" ޕްރޮގުރާމަކީ ކޮންމެ އަހަރަކުވެސް ޔޫއެންޑީޕީ މޯލްޑިވްސް އިންނަގައިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ 2021 ވަނަ އަހަރުގައެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ޑިމޮކްރެޓިކް މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުތަކުގައި ބަދަލު ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށްވެ، އިންތިޚާބުކުރެވޭ މަޤާމުތަކަށް ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. ވަކިން ޚާއްޞަކޮށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ ޤާބިލުކަމާއި ހުނަރު އިތުރުކޮށް އިންތިޚާބުކުރެވޭ މަގާމުތަކަށް ވާދަކުރުމަށް ބޭނުންވާ ހުނަރާއި ޢިލްމު ފޯރުކޮށްދިނުމެވެ.

ޕްރެކްޓިސް ޕާލަމެންޓް ސީރީޒްގައި މަދަނީ ތަޢުލީމުގެ މުހިންމު ބައިތަކާއި، ރައްޔިތުންގެ މަޖިލީހުގެ މުހިންމު މަސައްކަތްތަކާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި މިޕްރޮގްރާމުގެ ބައިވެރިންގެ މެދުގައި މަޖިލީހުގެ ޖަލްސާއެއްގެ ނަމޫނާ މާދިރީއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.