ޚަބަރު

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ކުރައްވާ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފަށްޓަވަނީ


  • ކޮންމެ ދެ މަހަކުން އެއް މަހު ވަޒީރުންނާ ސުވާލުކުރެއްވުމުގެ ފޯރަމެއް

  • ކޮންމެ ތިން މަހަކުން އެއް މަހު ރައީސްއާ ސުވާލުކުރެއްވުމުގެ ފޯރަމެއް

  • ރައްޔިތުން ބޭނުންވާ ސުވާލު ކުރުމުގެ ފުރުސަތު ދެއްވާނެ

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވާ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ އައު މޭޔަރާއި އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ތާޢީދާއެކު އެކި މަގާމުތަކަށް އިންތިޚާބުވެގެންދަނީ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ލޯތްބާއި ކުލުނާއެކު ޚިދުމަތް ކުރުމަށް ކަމަށެވެ. އެ ގޮތުގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ސަރުކާރުންވެސް އެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައްޔިތުން ގާތަށް ދިއުމަކީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އެ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފެށްޓެވުމަށް ނިންމަވާފައިވާ ކަމަށާއި ވަގުތު ލިބޭވަރަކުން ވީހާވެސް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލު ކުރައްވަން ކުރައްވާ ދަތުރުފުޅުތައް އެމަނިކުފާނަށް ވަގުތުވީވަރަކުން ތަކުރާރުކޮށް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަތޮޅުތަކުގެ އިތުރުން މާލޭގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން އޮޅުން ފިލުވައިދިނުމަކީ މީގެ ތެރޭގައި ހިމެނޭ އަނެއް ކަންތައް. ދެ މަހުން އެއް މަހު ވަޒީރުން ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން. އޭގެ ފުރަތަމަ ފޯރަމް މި މަސްތެރޭގައި މި އަންނަ ހަފުތާ ތެރޭގައި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ދޭ ފޯރަމުގައި ވަޒީރުންގެ ދާއިރާތަކުން ރައްޔިތުން ބޭނުންވާ ސުވާލުތަކެއް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. މި ފޯރަމް ބާއްވާނީ ކޮންމެ ދެ މަހަކުން ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ތިން މަހުން އެއް މަހު އެމަނިކުފާނު އަމިއްލަފުޅަށް ވެސް ރައްޔިތުންނަށް އެފަދަ ފުރުސަތެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފޯރަމުގައި ވެސް ރައްޔިތުން ކުރަން ބޭނުންވާ ސުވާލެއް އެ މަނިކުފާނާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ ފުރަތަމަ ފޯރަމް އަންނަ މަހު އޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ކުރަނީ ރައްޔިތުން ހަވާލު ކުރި މަސައްކަތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރަށް ޖަވާބު ނުދެވޭނެ ސުވާލެއް ނުހުންނާނެ ކަމަށެވެ.