ޚަބަރު

މާލޭގައި ހުރި އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ދެއްވަން ރައީސް ނިންމަވައިފި


  • ކައުންސިލްތައް ފުރިހަމަ މާނައިގައި ބާރުވެރިކުރުވާނެ ކަމަށް ވިދާޅުވި

  • ސަރުކާރުން އެންމެ ބޮޑު އިސްކަންދޭނީ ކައުންސިލްތަކަށް އާމްދަނީ ހޯދައިދޭން

  • ފަޅުރަށްތައް ކައުންސިލްތަކަށް ލިބޭ ގޮތް ހެދުމުން ހުރިހާ ރައްޔިތުންނަށް މަންފާ ލިބޭނެ

މާލޭގައި ހުރި އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިކަން އިއުލާން ކުރެއްވީ މާލެ ސިޓީ ކައުންސިލްގެ އައު މޭޔަރާއި އަލަށް އިންތިޚާބުވެވަޑައިގެންނެވި ތިން ކައުންސިލަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ފުރިހަމަ މާނައިގައި ކައުންސިލްތައް ބާރުވެރި ކުރުވާނެ ކަމަށެވެ. އެގޮތުން، ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގައި ހުރި އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް މިހާރު ނުލިބޭ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކުރައްވައި އެ ފައިސާ އަތޮޅުތަކަށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރުވެސް އެބަހުރި ހަވާލުކުރަން ޖެހި، އެހެންނަމަވެސް ހަވާލުނުކޮށް ހުރި ފައިސާ. ކުރިއަށް އޮތްތާނގައި އެކަން އިރާދަކުރެއްވިއްޔާ ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެ އަތޮޅަކަށް ނިސްބަތްވާ، ފައިސާގެ އަދަދުން އެ އަތޮޅަކަށް އެ ރޭޝިއޯއެއް ހަވާލުކުރަމުންދާނަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތާއި ވިޔަފާރި ފެށުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށްވެސް މަސައްކަތް ކުރައްވަމުންއަންނަ ކަމަށެވެ. އެގޮތުން، ކައުންސިލްތަކުގެ އިހުތިސާސުގެ ތެރޭގައި އަދި އިހުތިސާސްގެ ބޭރުގައި ހިމެނޭ ފަޅުރަށްތަށް އެކައުންސިލަކަށް ލިބޭގޮތް ވެގެންދިއުމަކީ އާމްދަނީ ހޯދުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ރަށްތަކުގެ ހުރިހާ ރައްޔިތުންނަށް ވެސް މަންފާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އާބާދީއާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން އެކުލަވާލާ 20 އަހަރުގެ ދުރުރާސްތާ ޕްލޭންގެ މަސައްކަތް ފެށުމަށް ނިންމަވާފައިވަނީ ރައްޔިތުންގެ ފުރިހަމަ މަޝްވަރާއާއެކުގައިކަން ރައީސް ފާހަފަކުރެއްވިއެވެ. މިޕްލޭންގެ ތެރެއިން އެންމެ އުތުރާއި އެންމެ ދެކުނުގައި އަރބަން ރީޖަންތައް ޤާއިމް ކުރެއްވުމާއި މެދު ރާއްޖެ ތެރޭގައި އަރބަން ސެންޓަރުތައް ގާއިމު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 20 އަހަރުގެ ދުރުރާސްތާ ޕްލޭން އެކުލަވާލުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ މަޝްވަރާ ހޯދުމަކީ ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި މާސްޓަރ ޕްލޭން ވެގެންދާނީ ޤާނޫނުންވެސް ހިމާޔަތް ލިބިގެންވާ ޕްލޭނަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.