ހުޅުމާލޭގައި ސްކޫލެއް ތަރައްޤީކުރުމަށް އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މިކަމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޢަލީ އަޙްސަނެވެ.
އެޗް.ޑީ.ސީއިން ބުނީ މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި މިސްކިތް ތަރައްޤީކުރާނީ ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށްކަމަށެވެ.
މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވަދެވޭނެކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތަޢުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްޤީކުރާނެކަމަށް އެ ކޯރޕަރޭޝަނުން ބުނެއެވެ.
އެޗް.ޑީ.ސީއިން ބުނީ މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތަޢުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ. އަދި މި ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެގޮތް ހަމަޖެހިގެންދާނެކަމަށްވެސް އެޗް.ޑީ.ސީއިން ބުނެއެވެ.