ޚަބަރު

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ޞިއްޙަތާބެހޭ ވަޒީރު ބައިވެރިވެވަޑައިގެންފި


  • ދުނިޔޭގެ 34 ޤައުމަކުން، ޞިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެރިވެވަޑައިގަންނަވާ

  • ބައްދަލުވުން ކުރިއަށްދަނީ ޖެނީވާގައި

  • ޞިއްޙީ ދާއިރާއާ ގުޅުންހުރި މުހިންމު ކަންކަމަށް މަޝްވަރާ ކުރައްވާނެ

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 154 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން ފަށައިފިއެވެ. ޖެނީވާގައި ކުރިއަށްދާ މިބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުން ރާއްޖޭގެ ޞިއްޙަތާ ބެހޭ ވަޒީރު
ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެ ވަޑައިގަންނަވައެވެ.

ބައިނަލްއަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ މަތީ ފަންތީގެ މިބައްދަލުވުމުގައި ދުނިޔޭގެ 34 ޤައުމަކުން، ޞިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިމަހުގެ 27ގެ ނިއަލަށް ކުރިއަށްދާ މިބައްދަލުވުމުގައި 2023 ގައި ބޭއްވި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވަރލްޑު ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި މި އަހަރުގެ 77 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކަށް އެގްޒެކެޓިވް މެމްބަރ ޤައުމުތަކުން މަޝްވަރާކޮށް ނިންމުންތައް ނިންމާނެއެވެ. މީގެ ތެރޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވަރސަލް ހެލްތު ކަވަރޭޖް، ޓީ.ބީ ފަދަ ބަލިތައް ނައްތާލުމަށް ކަނޑައަޅާފައިވާ ކަންކަން ޙާޞިލުކުރުމާއި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކުރިއަށް ގެންދިއުމުގެ މަޝްވަރާކޮށް ނިންމުންތައް ނިންމާނެ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް އެކަމާގުޅޭ ކަންތައްތައް ހުށަހެޅޭނެއެވެ. އަދި މިފަހަރުގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި އީސްޓަރން މެޑިޓެރޭނިއަން، ވެސްޓަރން ޕެސިފިކް އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރ، ކުރިއަށް އޮތް ފަސް އަހަރަށް އައްޔަނުކުރެވިގެންދާނެއެވެ.

2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 3 އަހަރުގެ މުއްދަތަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން އަންނަނީ ބައިވެރިވަމުންނެވެ.

މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.

މީގެ އިތުރުން، މި މަހުގެ 16 އިން 19 އަށް ޖެނީވާގައި ކުރިއަށް ދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގެޒެކެޓިވް ބޯޑުގެ 39 ވަނަ ޕްރޮގްރާމް، ބަޖެޓު އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގައި ޞިއްޙަތާ ބެހޭ ވުޒާރާގެ ވަފުދެއް ވަނީ ރާއްޖެ ތަމްޞީލުކޮށްފައެވެ.