ޚަބަރު

"ހިޔަލަ ވީކެންޑް މާކެޓް" ލިބުނު ފުރުޞަތާމެދު އަންހެން ވިޔަފާރިވެރިން ހިތްހަމަޖެހިފައި


  • މި މާކެޓް އޮންނާނީ ކޮންމެ ހަފްތާ ބަންދެއްގައި

  • އަންހެން ވިޔަފާރިވެރިންގެ ތަފާތު އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު

  • ބައިވެރިވާން ވެއިޓް ލިސްޓްކުރެވޭނެ

ސަރުކާރުގެ "ހަފްތާ 14 މަގުޗާޓު"ގައި ހިމެނޭ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ފެށި "ހިޔަލަ ވީކެންޑް މާކެޓް" އަކީ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް މި މާކެޓްގައި ބައިވެރިވި ވިޔަފާރިތަކުން ބުނެފިއެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މާކެޓް، ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށް ދާނެއެވެ. މީގެ ފުރަތަމަ މަކެޓް ނިމުނު ހަފްތާގައި ވަނީ ބާއްވާފައެވެ. މި މާކެޓުގައި ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވަނީ ލިބިގެންގޮސްފައެވެ.

މި މާކެޓްގައި މިފަހަރު 13 އަންހެން ވިޔަފާރިއަކުން ވަނީ ބައިވެރިވެފައެވެ. އެ އެންމެންވެސް ވަނީ މިއީ އަންހެން ވިޔަފާރިތައް ނިކުމެ އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"މިކަހަލަ ކުދިކުދި ވިޔަފާރިތައް ކުރިއަށްގެންދަން ބޭނުންވެފައި ގޭގައި ތިބޭ އަންހެން ވެރިންނަށް ހަމަ ވަރަށް ރަނގަޅު އޮޕަޗުނިޓީއެކޭ ބުނާނީ މިއީ ހަމަ. ސަރުކާރުން މިކަހަލަ ކަމެއް ޕްރޮވައިޑް ކޮށްދިނީމަ ހަމަ ކުދި ވިޔަފާރި ކުރާ މީހުންނަށް ނުކުމެ މިއެއްޗެހި އިޝްތިހާރުކުރަން ލިބޭ ވަރަށް ރަނުގެ ފުރުސަތެކޭ ބުނާނީ ހަމަ." މާކެޓްގައި ބައިވެރިވި ވިޔަފާރިވެރިއަކު ބުންޏެވެ.

އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ފެށި މި މާކެޓް ކުރިއަށްދާނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގައެވެ. މި މާކެޓް ކުރިއަށްދާނީ ކޮންމެ ހަފްތާ ބަންދެއްގައެވެ.

"ހިޔަލަ ވީކެންޑް މާކެޓް" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި މާކެޓުގައި ބައިވެރިވާން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ބީސީސީން މިކަމަށް ޚާއްޞަކޮށްފައިވާ ފޯމު މެދުވެރިކޮށް، ވެއިޓްލިސްޓް ކުރެވޭނެއެވެ.