ޚަބަރު

700 އަށްވުރެ ގިނަ މީހުން ޓެސްޓްކޮށްފި؛ ފައިލޭރިއާގެ އިތުރު ކޭސްއެއް ނުފެނޭ


  • މިދިޔަމަހު 14ގައި ރާއްޖެއިން ފައިލޭރިއާގެ ކޭސްއެއް ފެނުނު

  • ސްކްރީންގެ ތެރެއިން 32 މީހަކު ޕޮޒިޓިވްވި

  • މިދިޔަމަހު 24ގެ ފަހުން އިތުރު ކޭސްއެއް ނުފެނޭ

މިދިޔަމަހުގެ 24 ވަނަ ދުވަހުގެ ފަހުން ފައިލޭރިއާގެ އިތުރު ކޭސްއެއް ރާއްޖެއިން ފެނިފައިނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ. އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައި މިވަނީ ރާއްޖެއިން ނައްތާލާފައިވާކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ޖެހިފައިވާ މީހަކު މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖެއިން ފެނުމާއި ގުޅިގެނެވެ.

ރާއްޖެއިން މިފަހަރު ފެނުނު ފައިލޭރިއާ ކޭސްތަކުގެ ކުރިން ރާއްޖެއިން ފައިލޭރިއާގެ ކޭސްއެއް ފެނިފައިވަނީ 2004 ވަނަ އަހަރުއެވެ. އަދި މިބަލި ރާއްޖެއިން ނައްތާލާ، އެކަން ކަށަވަރު ކުރުމަށް ކުރި މަސައްކަތުން 2016 ވަނަ އަހަރު ވަނީ ރާއްޖެއަކީ ފައިލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައެވެ. ނަމަވެސް މިދިޔަމަހު ކުޅުދުއްފުށިން ފައިލޭރިއާގެ ކޭސްއެއް ފެނުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ގިނަ ބަޔަކު ޓެސްޓްވެސްކޮށްފައެވެ. އެގޮތުން އެ ސިޓީގައި ކުރިއަށްގެންދިޔަ ސްކްރީނިންގެ ތެރެއިން 25 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެފަހުން މާލޭގައި ކުރިއަށްގެންދިޔަ ސްކްރީންގެ ތެރެއިން މިދިޔަމަހު ވަނީ 7 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވި 32 މީހުންގެ ތެރޭގައި މުޅިންވެސް ހިމެނެނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރާއްޖެއިން ފެނުނު ފައިލޭރިއާ ޖެހިފައިވާ މީހުންނަކީ ރާއްޖެއިން ބޭރުން އެ ބައްޔާއެކު އެތެރެވެފައިވާ މީހުންކަމަށެވެ.

ރާއްޖޭގެ އުތުރާއި މާލެ ސަރަޙާއްދުން ފައިލޭރިއާގެ ކޭސްތައް ފެނުމާއި ގުޅިގެން ފައިލޭރިއާގެ ރެންޑަމް ސްކްރީނިން ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ ފަށާފައެވެ.

މިހާތަނަށް ސްކްރީން ހިންގަމުންދަނީ ކުޅުދުއްފުށި، މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައެވެ. އެޗްޕީއޭއިން ބުނީ މި ސްކްރީނިންގެ ތެރެއިން މިހާތަނަށް 778 މީހުން ޓެސްޓުކޮށްފައިވާކަމަށެވެ. އޭގެެތެރޭގައި ހިމެނެނީ 567 ބިދޭސީންނާއި 211 ދިވެހިންނެވެ. އަދި މިދިޔަމަހުގެ 24 ވަނަ ދުވަހުގެ ފަހުން ރާއްޖެއިން ފައިލޭރިއާގެ އެއްވެސް ކޭސްއެއް ފެނިފައިނުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ފައިލޭރިއާގެ ކޭސްއެއް އިތުރަށް ފެނިފައިނުވިޔަސް، ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްގެންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ނަމަވެސް މި ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރެމުން ނުދާކަންވެސް އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އެޗްޕީއޭއިން ވަނީ މި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، އެކަން އެޗްޕީއޭއަށް ރިޕޯޓްކޮށް ސްކްރީން ކުރުމަށް އިލްތިމާސްކޮށްފައެވެ.

މަދިރީގެ ޒަރިއްޔާއިން ބަލި ފެތުރުނުނަމަވެސް، މިއީ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ. ފައިލޭރިއާގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އަދި އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، ގިނައިން މި އައިބުކަން ފެންނަނީ ބަލި ޖެހޭ މީހެއްގެ ފައިންނެވެ.