ޚަބަރު

އިޤްތީޞާދީ ކުރިއެރުމާއި ތަރައްޤީގެ ދާއިރާއިން ރާއްޖެއާއި ޖަޕާނުގެ ގުޅުން ވަރުގަދަކުރަނީ


  • ޖަޕާނުގެ ހާރިޖީ ވުޒާރާގެ ޑީޖީ އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ މުހިއްމު މަޝްވަރާތަކެއް ބޭއްވި

  • ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެއްވި

އިޤްތީޞާދީ ކުރިއެރުމާއި ޤައުމީ ތަރައްޤީގެ ދާއިރާއިން ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އަރިހަށް، ޖަޕާނުގެ ހާރިޖީ ވުޒާރާގެ ސައުތު އީސްޓް އަދި ސައުތު ވެސްޓް އޭޝިއަން ޑިވިޝަންގެ ޑިރެކްޓަރ ޖެނެރަލް، ނަކަމުރާ ރިޔޯއީ ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން ސެކްރެޓަރީ އިނާޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ޑިރެކްޓަރ ޖެނެރަލް ނަކަމުރާއަށް ހޫނު މަރުހަބާއެއް ދަންނަވައި، ރާއްޖެއާއި ޖަޕާނާއި ދެެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ބައިލެޓްރަލް އަދި މަލްޓިލެޓަރަލް ގުޅުންތަކުގެ ތެރެއިން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިޤްތީޞާދީ ކުރިއެރުމާއި ޤައުމީ ތަރައްޤީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނޭކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ޤައުމެކެވެ. ރާއްޖެއާއި ޖަޕާނާއި ދެމެދު ގުޅުން ޤާއިމްކުރިފަހުން އެ ޤައުމުން ދަނީ އެކި ދާއިރާތަކުން މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންންނެވެ. އޭގެތެރޭގައި ތައުލީމާއި ސިއްހަތާއި، ކުޅިވަރާއި، އިޤްތިޞާދީ ދާއިރާވެސް ހިމެނެއެވެ.