ތަޢުލީމު

މިއަހަރު އިތުރު 2000 ޓީޗަރުން ތަމްރީނުކުރައްވަނީ


ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް މަތީ ތަޢުލީމް ޙާޞިލްކޮށްދެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ހިންގަވާ ޕްރޮގްރާމްގެ ދަށުން، މިއަހަރު އިތުރު ދެހާސް ޓީޗަރުން ތަމްރީނުކުރެއްވުމަށް ނިންމަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުން ތަމްރީނު ކުރުމަށް ކުރިޔަށްގެންދަވާ މި ޕްރޮގްރާމަކީ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަށް އިތުރަށް ކިޔެވުމުގެ ފުރުސަތު ފަހިކުރުމަށާއި، ސްކޫލްގައި މަސައްކަތް ކުރައްވާ ޓީޗަރުންނަށް ލުއިފަސޭހަގޮތަކަށް މަތީތައުލީމް ހާސިލްކުރުމަށް ކުރިޔަށްގެންދަވާ ޕުރޮގްރާމެކެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ޓީޗަރުން ތަމްރީނުކުރުއްވާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއެކު ގުޅިގެންކަމަށާއި، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުއްވާލައްވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ތަމްރީނުކުރެއްވުމަށް ހުޅުއްވާލައްވާނީ އެކި ސްކޫލްތަކަށް ވަކި މާއްދާތަކަށް ޚާއްޞަކުރައްވައިގެންކަމަށެވެ.

ޓީޗަރުންގެ ފެންވަރު މަތިކުރެއްވުމަށާއި، ޓީޗަރުންނަށް މަތީ ތަޢުލީމަށް ހޯދުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިފަދަ ފުރުޞަތުތަކުގެ ދަށުން ޓީޗަރުންނަށް މަތީ ތަޢުލީމް ޙާޞިލްކުރުމަށް ލިބޭ ފުރުޞަތަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ފުރުޞަތުތަކެއްކަމަށް ޓީޗަރުން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިންވެސް މި ޕްރޮގްރާމްގެ ދަށުން ގިނަ ޢަދަދެއްގެ ޓީޗަރުންނަށް މަތީތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ދެއްވާފައެވެ.