ކުޅިވަރު

ޖޯޑަން އަތުން ފަހު ވަގުތު ދެކުނު ކޮރެއާ ސަލާމަތްވެއްޖެ


ގަތަރުގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ފަހު ވަގުތު ޖޯޑަން އަތުން ބައިކޮޅަށް ވަން ލަނޑާއެކު ދެކުނު ކޮރެއާ ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އަލްތުމާމާ ސްޓޭޑިއަމުގައި އިއްޔެ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ކޮރެއާއިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސޮން ހުއެން-މިންއެވެ. މިއީ އޭރިއާ ތެރެއިން ޖޯޑަންގެ އެހްސާން ހެދާދް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ގަތަރުގެ ރެފުރީ ސަލްމާން ފަލާހީ މި ޕެނަލްޓީ ދީފައިވަނީ ހަތަރުވަރަކަށް މިނެޓު މަޝްވަރާތަކެއް ކުރުމަށްފަހުއެވެ.

މި މެޗުގައި ޖޯޑަންއިން ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކޮރެއާގެ ޔޮންގް-ވޫ ޕާކް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޔަޒާން އަބްދުﷲ ނައިމަތު ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް، ޖޯޑަންއަށް ލީޑު ނަގައިދީފައެވެ. މި ލަނޑާއެކު މެޗުގެ ދެވަނަ ހާފުގައި ޔާގަން ކިލްންސްމަންގެ ކޯޗުކަމުގައި ކުޅެމުން އަންނަ ކޮރެއާ ފެނިގެންދިޔައީ ވަރަށް ބޮޑަށް ޕްރެޝަރުގައި ކުޅުނު ތަނެވެ.

އެކަމަކު ކޮރެއާއިން މެޗުގެ ނަތިޖާ އެއްވަރުކުރީ އިތުރު ވަގުތުގައި ޖޯޑަންގެ ޔަޒާން އަރަބް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑަށްފަހު އިތުރު ލަނޑެއް ކާމިޔާބުކުރެވޭތޯ ކޮރެއާއިން މަސައްކަތްކުރި ނަމަވެސް، މެޗު ނިމިގެންދިޔައީ ދެ ޓީމު އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު މި ގުރޫޕުގައި ކުޅުނު ފުރަތަމަ ދެ މެޗަށްފަހު ތާވަލުގެ އެއްވަނައިގައި އޮތް ޖޯޑަން އާއި ދެވަނައިގައި އޮތް ކޮރެއާއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ޖޯޑަންއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގުރޫޕްގައި ރޭ ބަހްރެއިންއިން ވަނީ 1-0 ގެ ނަތީޖާއަކުން މެލޭޝިއާ އަތުން މޮޅުވެފައެވެ.