ޚަބަރު

ބަންދުން ދޫކޮށްލާއިރު ޝަރުތުތަކެއް ހިމެނުމަށް އަޑުއެހުމުގައި ފުލުހުންނަށް ފުރުޞަތު ލިބެން ޖެހޭ: ޕީޖީ


  • ބައެއް ކޯޓުތަކުން ފުލުހުންނަށް އިތުރު ޝަރުތު ހިމަނަން ފުރުޞަތު ނުދޭ

  • އިތުރު ޝަރުތު ހިމަނަން އަޑުއެހުމުގައި ވާހަކަދެއްކުމުގެ ފުރުޞަތަކީ ޤާނޫނުން ލިބެން ޖެހޭ ފުރުޞަތެއް

ޖިނާއީ މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށް ނިންމާ ހާލަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޝަރުތުތަކެއް ހިމެނުނަށް އެދޭނަމަ އެކަން ހިމެނުމަށް އަޑުއެހުމުގައި ވާހަކަދެއްކުމުގެ ފުރުޞަތު ދޭން ޖެހޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން ވިދާޅުވީ އެއީ ޤާނޫނުން ފުލުހުންނަށް ލިބޭން ޖެހޭ ފުރުޞަތެއް ކަމަށެވެ. މިހާރު ބައެއް ކޯޓުތަކުން އެ ފުރުޞަތު ދިން ނަމަވެސް ބައެއް ކޯޓުތަކުން އެ ފުރުޞަތު ނުދޭ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި، ޤާނޫނުން ލިބޭ އެ ފުރުޞަތު ހުރިހާ ކޯޓެއްގައި އެއްގޮތަށް ލިބުމަކީ ޤާނޫނީ ނިޒާމު އެކަށީގެންވާ ގޮތުގައި ހިންގުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

ޖިނާއީ މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލާއިރު ޝަރުތުތަކެއް ހިމެނުމަށް ފުލުހުންނަށް އެދެވޭނީ އެ މައްސަލައިގެ ވަށައިގެން ހުންނަ ކަންކަމާއި ތުހުމަތު ކުރެވޭ މީހާގެ ހާލަތަށް ރިއާޔަތްކޮށް ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. ޤާނޫނުން ފުލުހުންނަށް ދޭ އެ ފުރުޞަތު ހުރިހާ ކޯޓަކުން ދޭ ނަމަ އެކި ކުށުގެ ތުހުމަތުގައި ހުރެފައި، އެކި ސަބަބުތަކާހުރެ، އެކި ގޮތްގޮތަށް މުޖްތަމަޢަށް ދޫވާ މީހުންނަކީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ވަކި ގޮތަކަށް ބެލެހެއްޓޭ ބައެއްކަން ފުލުހުންނަށްވެސް ކަށަވަރު ކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޖިނާއީ މައްސަލައެއްގައި މީހަކު ބަންދު ކުރެވޭނީ 5 ކަމެއް ފުރިހަމަވާނަމައެވެ. އެއީ:

• ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެތީ
• ހެކިބަސްދޭން ހުރި މިހަކަށް ނުފޫޒުފޯރުވާނެކަމަށް ބެލެވޭތީ
• ކޯޓަށް ހާޒިރު ނުވެދާނެތީ
• ފިލައިފާނެ ކަމަށް ބެލެވޭތީ
• ބަންދުން ދޫކޮށްފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ

ބަންދުކޮށްފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކުރެވިދާނެ ކަމަށް ވެސް ޤާނޫނުގައި އޮވެއެވެ.

އެގޮތުން ބަންދުގައި ހުރި މީހާ ދޫކޮށްލާފައި ހުންނައިރު އޭނާ އިތުރު ކުށެއް ނުކުރާނެ ކަމަށާއި، ތަޙްޤީޤު މަރުޙަލާގައި ޤާނޫނު ތަންފީޛުކުރާ އިދާރާއިން ހާޒިރުވާން އަންގާ ތަންތަނަށް އޭނާ ހާޒިރުވާނެ ކަމަށާއި، ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ހާޒިރުވާނެ ކަމަށާއި، ކޯޓުން އިތުރު ޝަރުޠުތަކެއް ކަނޑައަޅާނަމަ އެ ޝަރުޠުތައްވެސް ޤަބޫލުކުރާކަމަށް ބަންދުގައި ހުރި މީހާ އިޤްރާރުވެ ސޮއިކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރު ނެރެވިދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައި އޮވެއެވެ.

މިހާލަތުގައި ފުލުހުންނަށް އިތުރު ޝަރުތުތައް ހިމެނުމަށް ޤާނޫނުން ލިބޭ ފުރުސަތު ދޭން ވާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.