ިމަރޖެންސީ ކޭސްއެއް އަތުވެއްޖެނަމަ، ފްލައިޓް ޝެޑިއުލްއިން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް ހަމަޖައްސައިފިއެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިހެން ވިދާޅުވެފައި މިވަނީ ގއ.ވިލިނގިލި ހޮސްޕިޓަލްގައި އޮތް ކުއްޖަކު ހާލު ގޯސްވެ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ މާލެ ގެނައުން ލަސްވުމުން ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ މިހާތަނަށް އަމަލު ކުރަމުންދާ އުސޫލަކީ އިމަރޖެންސީއެއްގައި ބަލިމީހަކު ގެންނަން ޖެހިއްޖެނަމަ އެހޮސްޕިޓަލެއްގެ ޑޮކްޓަރުން ފޯމަކުން އެންސްޕާ ނުވަތަ އާސަންދަ މެދުވެރިކޮށް އެންގުމުން މިދެފަރާތުންކުރެ ފަރާތަކުން އެޕްރޫވްކުރުމުން މޯލްޑިވިއަންއިން ބޯޓުގެ ހުސްވަގުތު ހޯދައިގެން ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ބަލިމީހާ ގެނައުމުގެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. މިކަމަށް މޯލްޑިވިއަންގަ ހުސްކޮށް ބޯޓެއް ނޯންނަކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ބަދަލުތައް ގެނެސްގެން ބަލިމީހާ އުފުލަމުންދާއިރު ޑިލޭވުންފަދަ ކަންކަމަކީ އަބަދުވެސް ތަޖްރިބާކުރަމުން އަންނަކަންކަން ކަމަށެވެ.
ވަޒީރު އަމީން ވިދާޅުވީ މިއަދުން ފެށިގެން މޯލްޑިވިއަންގެ އުޞޫލަށް ގެނެސްފައިވާ ބަދަލުގެ ދަށުން އިމަރޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލްއިން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް ބަދަލުގެންނަވާފައިވާ ކަމަށެވެ.
" ކުރިން އޮންނަ އުސޫލަށްވުރެ ފަސޭހަ އަވަސް ގޮތެއް ހެދުމަށްޓަކައި އެހޮސްޕިޓަލަކުން ޑައިރެކްޓްކޮށް ޤައުމީ އެއަރލައިނަށް އެންގީމަ ޤައުމީ އެއަރލައިންގެ އެންމެ މުހިންމު ކަމަކަށްވާނީ ޝެޑިއލް ފްލައިޓުގެ ފަސިންޖަރުން ނޫނީ ޓޫރިސްޓުން އުފުލާ އެޝެޑިއުލް ފްލައިޓު އެއަށްވުރެން އިމަރޖެންސީކޮށް އޮޕަރޭޓްކުރަންޖެހޭ ފްލައިޓަށް އުފުލުން. ކުރިން އޮންނަ އުސޫލަށް ބަދަލުގެނެސް ސަރުކާރުން ނިންމެވީ މިއަދުން ފެށިގެން އެންމެ ފުރަތަމަ ޕްރިއޯރިޓީ ދޭންޖެހޭ އެއްކަމެއްގެ ގޮތުގައި އިމަރޖެންސީ ހާލަތުގަ ދިވެހިރައްޔިތަކަށް ކަމެއްވެއްޖެއްޔާ". ވަޒީރު އަމީން ވިދާޅުވިއެވެ.
މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުން. މި ޚިދުމަތް ﷲ ގެ ވާގިފުޅާއެކު، 1 މާރިޗް 2024 ގައި ފެށިގެން ދާނެ!
— Mohamed Ameen (@ameen3d) January 20, 2024
މިއަދުން ފެށިގެން މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް…
މީގެ އިތުރުން ވަޒީރު ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރެއްވުންކަމަށެވެ. އެގޮތުން މާޗްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ބަލިމީހުން ގޮވައިގެން ދަތުރުކުރުމަށް ތަޢާރަފްކުރެވޭ އެއަރ އެންބިއުލަންސްގެ ޚިދުމަތް ތައިލެންޑާއި ހަމައަށް ފުޅާކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.