ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ: ނައިބު ރައީސް


  • ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކުރެއްވި

  • ހަނގުރާމަތަކާއި ކާރިސާތަކުގެ ސަބަބުން މުޖުތަމަޢުތައް ނުތަނަވަސްކަމާ ކުރިމަތިލާންޖެހޭ

  • އައު މައްސަލަތަކާ ކުރިމަތިލުމުގައި ނާމްއިން ގުޅުންތައް އިތުރަށް ވަރުގަދަކުރަން ޖެހޭ

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅައި ތަރައްޤީވަމުން އަންނަ ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ވަކި ބައްރަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށާއި، ލިބިފައި ހުންނަ ވަޞީލަތްތައް މަދުކަމާއެކު އޭގެ ގެއްލުންތަކާ އެންމެ ބޮޑަށް ކުރިމަތިލާންޖެހެނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކަމަށެވެ. އަދި މިހާރު ކުރިމަތިވަމުން އަންނަ އައު މައްސަލަތަކާ ކުރިމަތިލުމުގައި ނާމްއިން ގުޅުންތައް އިތުރަށް ވަރުގަދަކޮށް މަސައްކަތްކުރުމުގެ މުހިންމުކަމަށާއި، މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ތަފާތު ޤައުމުތައް އެކުވެގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރާ ގޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިންސާނުންނަށް ލިބިފައިވާ ކުރިއެރުންތަކެކޭ އެއްގޮތަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާ، ނައިބު ރައީސް ވިދާޅުވީ، އިންސާނުން ހޯދަމުންދާ ކުރިއެރުންތަކާއެކު ދުނިޔެއަށް އިތުރު ކުރިއެރުމާއި ފާގަތިކަން އަންނަމުންދާ ކަމަަށެވެ. ނަމަވެސް ހަނގުރާމަތަކާއި ކާރިސާތަކުގެ ސަބަބުން މުޖުތަމަޢުތައް ނުތަނަވަސްކަމާއި ބިރުވެރިކަމާ ކުރިމަތިލާންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޣައްޒާގައި އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާހުރެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާންތައް ރާއްޖެއިން ކުށްވެރިކުރާކުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.

މި ޢުދުވާންތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އުދުވާންތަކެއްކަން ފާހަގަކުރައްވާ، ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައަށް ނައިބު ރައީސް ތަޢުރީފުކުރެއްވިއެވެ. އަދި ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށާއި ދާއިމީ ސުލްޙަވެރި މަގެއް ހޯދުމަށް ގޮވާލާ ގޮވާލުމުގައި އެއްބާރުލުން އިތުރުކޮށް، އެކަންކަމަށް ބާރުއަޅައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އދ. އާއި އދ. ގެ ސަލާމަތީ މަޖިލިސް އިސްލާހުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ބަދަހިކަމާއި ގުޅުމުގެ ތެރެއިން ސަލާމަތާއި ސުލްޙަ މަސަލަސްކަން ކަށަވަރުކުރުމާއެކު ފާގަތި މުސްތަޤްބަލަކަށް އަމާޒުކޮށް މަސައްކަތްކުރުމުގައި ނާމްގެ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މާޔޫސްކަމުގެ ބަދަލުގައި އުންމީދު ގެނެސްދިނުމާއި، ހަނގުރާމަތަކުގެ ސަބަބުން ދުނިޔެއަށް ފެތުރެމުންދާ ބިރުވެރިކަމުގެ ބަދަލުގައި ސުލްޙަ ގެނެސްދިނުމާއި އަދި ނާޒުކު ޙާލަތްތަކުގެ ބަދަލުގައި ވިލުންތެރިކަން ފަތުރައިދިނުން ފަދަ ބަދަލުތައް ދުނިޔެއަށް ގެނައުމުގައި ހުއްޓުމެއްނެތި މަސައްކަތްކުރުމުގައި ނާމް ދެމިއޮންނަންޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.