ސިންގަޕޫރުގެ މިނިސްޓަރ އިން ދަ ޕްރައިމް މިނިސްޓަރަސް އޮފީސް އަދި ސެކަންޑް މިނިސްޓަރ ފޯ ފޮރިން އެފެއާޒް، ޑރ. މުޙައްމަދު މަލިކި ބިން އުސްމާނާ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިހާރު ކުރިއަށްދާ ނާމް ސަމިޓްގެ ހަވާސާގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ވަނީ އަޒަރުބައިޖާނާއި އިންޑިއާ އާއި ނޭޕާލް އަދި މެލޭޝިއާގެ ޚާރިޖީ ވަޒީރުންނާ ވެސް ބައްދަލުކުރައްވާފައެވެ.