ޚަބަރު

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު ރާއްޖެއަށް


  • ފަނޑިޔާރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ

  • އެމަނިކުފާނު ކުރައްވަނީ 3 ދުވަހުގެ ދަތުރުފުޅެއް

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ދައުވަތަކަށް ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އުބައިދުލް ހަސަން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މާދަމާ ފަށާ ފަނޑިޔާރުންގެ މަހާސިންތާ 2024 ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ފަރާތްފުޅުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއާއި، ޝަރޫޢީ ދާއިރާގެ އިސް ބައެއް ބޭފުޅުންނެވެ.


ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި ފަނޑިޔާރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ފަނޑިޔާރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

ފަނޑިޔާރުންގެ މަހާސިންތާއަކީ ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި އަލަށް ފަށާ ގަޟާޢީ އަހަރަކީ ކާމިޔާބު އަހަރަކަށް ހެދުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ. މި މަހާސިންތާގައި އަހަރަށް ކަނޑައަޅާ ލަނޑުދަނޑިތަކާއި އެ ލަނޑުދަނޑިތައް ހާސިލް ކުރަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރާނެއެވެ. އަދި ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެ ކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ. މި މަހާސިންތާގައި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން ހިމެނިވަޑައިގަންނަވާހެން 66 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަހަރުގެ މަހާސިންތާގައި މަދަނީ އިޖުރާއަތުގެ ޤާނޫނާއި މީޑިއޭޝަން އަދި ހެއްކާ ބެހޭ ޤާނޫނާ ގުޅުންހުރި މަޢުޟޫޢުތަކަށް މަޝްވަރާކޮށް، ޚިޔާލު ބަދަލު ކުރަން ނިންމާފައިވާ ކަމަށް ގަޟާޢީ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު ރާއްޖެ ވަޑައިގެންފައިވާއިރު ދެބޭފުޅުންގެ ބައްދަލުކުރެއްވުންވެސް މާދަމާ އޮންނާނެކަމަށް ސުޕްރީމް ކޯޓުން މަޢުލޫމާތުދެއްވައެވެ.

ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު ރާއްޖެ ވަޑައިގެންފައިވާއިރު، އެ ޤައުމުގެ ސުޕްރީމް ކޯޓުގެ ރަންޔޫބީލް އިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ އަހަރު ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ވެސް ވަނީ އެ ޤައުމަށް ޒިޔާރަތްކުރައްވާފައެވެ.