ސިޔާސީ

ޤާނުނު އަސާސީއަށް ހުށައެޅި އިޞްލާޙު ކޮމިޓީން ފާސްކޮށްފި


ކައުންސިލްތަކަށް ކައުންސިލަރުން އިންތިޚާބުކުރެވޭ ގޮތާއި، ކައުންސިލްތަކުގެ ޢުމުރު ޤާނޫނު އަސާސިގައި ކަނޑައަޅާފައި އޮތްއޮތުން ލާމަރުކަޒީ ޤާނުނުގައި ހިމެނުމަށް ހުށައަޅުއްވާފައިވާ އިޞްލާޙު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީން ފާސްކުރައްވައިފިއެވެ.

މި އިސްލާޙަކީ ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ހުށައެޅުއްވި އިޞްލާޙެކެވެ.

މިހާރު ޤާނޫނު އަސާސީގެ 231 ވަނަ މައްދާގެ ށ. ގައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ ރައީސާއި، ނާއިބު ރައީސް އިންތިޚާބުކުރާނީ، އެކައުންސިލެއްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ ސިއްރު ވޯޓަކުންކަމަށެވެ. އަދި އެމާއްދާގެ ނ. ގައި ވަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ ޢުމުރަކީ ދިގުވެގެން 3 އަހަރުކަމަށެވެ. މިގޮތަށް ޤާނޫނުއަސާސީގައި ތަފްޞީލްކޮށް ބަޔަންކޮށްފަ އޮތުމުގެ ސަބަބުން ކައުންސިލްތަކުގެ އުމުރު 5 އަހަރަށް ބަދަލުކުރުން ފަދަ އިޞްލާހުތައް ގެނައުމަށް ދަތިވާކަމަށް ވިދާޅުވެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ހުށައެޅުއްވި އިޞްލާޙު ވަނީ ކޮމިޓީގެ އަޣްލަބިއްޔަތުން މިއަދު ފާސްކުރައްވާފައެވެ. 

އާމިރު ވަނީ ކައުންސިލްތަކަށް އިންތިޚަބުކުރެވޭ ގޮތާއި، ކައުންސިލްތަކުގެ އުމުރު ލާމަރުކަޒީ ޤާނޫނުގައި ހިމެނުމަށް ހުށައަޅުއްވާފައެވެ. ޤައުމީ ސަލާމަތު ކޮމިޓީގެ ނާއިބު މުޤައްރިރު ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވީ، ޤާނޫނު އަސާސީގައި މިގޮތަށް ބަޔާންކޮށްފައިވުމުން ލާމަރިކަޒީ ނިޒާމު ވަރަށް ބޮޑަށް ހުއްޓިފައިވާކަމަށެވެ. މި ނިޒާމަށް އަންނަން ޖެހޭ ބަދަލުތައް އައުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ސަޢުދު ވިދާޅުވިއެވެ. އެހެންކަމުން ލާމަރުކަޒީ ޤާނޫނަށް ގެންނަން މަސައްކަތް ކުރާ ބަދަލަކީ ލާމަރުކަޒީ ޤާނޫނަށް، ޤަނޫނު އަސާސީން ބާރު ދިނުމަށް ކުރެވޭ މަސައްކަތެއްކަމަށެވެ.

ޤާނޫނު އަސާސީއަށް އަޙްމަދު އާމިރު ހުށައަޅުއްވާފައިވާ އިޞްލާހަކީ މަޖިލީހުގެ ތަޅުމުން އަލުން ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވާ އިޞްލާޙެކެވެ. ޤާނޫނު އަސާސީއަށް ގެންނަ އިޞްލާޙު ފާސްކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ބޭނޫންވާނެއެވެ.