ސްޕެނިޝް ކަޕުގެ ގަދަ 16 ބުރުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކެޓިއިރު، ކުއާޓާ ފައިނަލުގެ ޖާގައެއް ބާސެލޯނާއިން ހޯދައިފިއެވެ.
އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުން ރެއާލް ބަލިވީ އިތުރު ވަގުތު ކުޅެ 4-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެތުލެޓިކޯއިންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަމުއެލް ލިނޯއެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަކް އަތުން ބައިކޮޅަށް ވަން ލަނޑާއެކު، ރެއާލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގައި އެތުލެޓިކޯއިން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް ހޮސެލޫ ވަނީ ރެއާލަށް އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އެއާއެކު ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އެތުލެޓިކޯއިން ލީޑު ނެގީ ފުރަތަމަ ހާފުގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ދެވަނަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރޮޑްރީގޯ ރިކެލްމޭ ވަނީ ލަނޑެއް ޖަހައި، އެތުލެޓިކޯއަށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ ޔޫނިއަނިސްޓާސް އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 31 ވަނަ މިނެޓުގައި ޔޫނިއަނިސްޓާސްއިން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ ގޯމޭޒްއެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފެރާން ޓޮރޭސް ވަނީ ބާސެލޯނާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުގައި ބާސެލޯނާއިން ފަހަތުން އަރައި ލީޑު ނެގީ މެޗުގެ 69 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޫލްސް ކުންޑޭއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި އަލެހަންދްރޯ ބާލްޑޭ ވަނީ ބާސެލޯނާގެ ލީޑު ފުޅާކޮށްދީފައެވެ.