ޚަބަރު

އިމާމުން ތަމްރީންކުރުމުގެ ފުރަތަމަ ބުރު ގއ. އަތޮޅުގައި، އަންނަމަހު ފަށަނީ


  • ރާއްޖޭގެ ހުރިހާ އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަނީ

  • ފުރަތަމަ ބުރުގައި 77 އިމާމުން ބައިވެރިވާނެ

  • ރާއްޖޭގައި 800 އެއްހާ އިމާމުން ހަރަކާތްތެރިވޭ

އިމާމުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމުގެ ފުރަތަމަ ބުރު އަންނަމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު އިޢުލާންކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޕްރޮގްރާމް އަމާޒުކުރާނީ ޒަމާނީ ދީނީ ގޮންޖެހުންތަކާއި އިލްމީ، އަޚްލާޤީ، ފިޤުހީ މައްސަލަތަކަށް އަމާޒުކޮށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އިމާމުން ތަމްރީންކުރުމުގެ ފުރަތަމަ ބުރު އަންނަމަހު ފަށާނެކަމަށާއި، ފުރަތަމަ ބުރު އޮންނާނީ ގއ. އަތޮޅުގައިކަމަށެވެ. އިމާމުން ތަމްރީންކުރުމުގެ ފުރަތަމަ ބުރުގައިވެސް 77 އިމާމުން ބައިވެރިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތުވެސް 800 އެއްހާ އިމާމުން ހަރަކާތްތެރިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިސްލާމް ދީނަށް ލޯބިކުރާ މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިވަޢުދުފުޅު ފުއްދެވުމަށްޓަކައި އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ކަންތައްތަކުގެ ލިސްޓުކަމުގައިވާ "ހަފްތާ14"ގެ ލިސްޓުގައިވެސް މުހިއްމުކަންތައްތަކެއްވަނީ ހިމަނުއްވާފައެވެ.

މިކަންކަން ޙާސިލުކުރެއްވުމުގެ ޒިންމާ މަތިކުރައްވާފައިވާ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ މަޤާމުގެ ހުވާކުރެއްވިތާ 24 ގަޑިއިރުގެ ތެރޭގައި ދީނީ ތަޢުލީމު ޙާސިލުކުރުމަށް ބޭނުންވާ އިމާމުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ދައުލަތުގެ ޚަރަދުގައި ހޯއްދަވައިދެއްވުމަށް ސަރުކާރުން ކަނޑައަޅާފައިވާކަން ހާމަކުރައްވާފައެވެ.