ޚަބަރު

އަމިއްލަ ފަރާތްތަކެއްގެ އެހީގައި މާލެ ސަރަޙައްދުގައި 3 މިސްކިތް އަޅަނީ


  • ހުޅުމާލޭގައި 2 މިސްކިތް މާލޭގައި 1 މިސްކިތް

  • ދޮޅު އަހަރު ތެރޭގައި ނިންމާލެވޭނެ

  • ކީރިތި ޤުރުއާނާ ބެހޭ މައުކަޒުގައި ޒަމާނީ އިސްލާމީ ލައިބްރަރީއެއް ޤާއިމު ކުރާނެ

އަމިއްލަ ފަރާތްތަކެއްގެ އެހީގައި މާލެ ސަރަޙައްދުގައި 3 މިސްކިތް އެޅުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ، މީގެ ތެރެއިން 2 މިސްކިތް ހުޅުމާލޭގައި އަދި މާލޭގައި އެއް މިސްކިތް އެޅުމަށް ނިންމަވާފައިވާކަމަށެވެ.

ޝަހީމް ވިދާޅުވީ މި 3 މިސްކިތަކީ ވެސް އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތްތަކެއް ކަމަށެވެ. އެ ފުރުޞަތު އެ ފަރާތްތަކަށް ފަހިކޮށްދީ ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި މި މިސްކިތްތަކުގެ މަސައްކަތް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައި ޒަމާނީ އިސްލާމީ ލައިބްރަރީއެއް ޤާއިމު ކުރުމަށް ނިންމަވާފައިވާކަމަށްވެސް ވިދާޅުވެފައެވެ. މި ލައިބްރަރީގެ ސަބަބުން ޒުވާނުންނާއި ޢިލްމީ ދިރާސާކުރާ ފަރާތްތަކަށް ފަހި ޢިލްމީ މާހައުލެއް ޤާއިމު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ލައިބްރަރީތަކަކީ އިސްލާމީ ހަޟާރާތުގެ ދަންމަރުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އޭގެ އަލިކަން ދިވެހި ދީބަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.