ޚަބަރު

ދޮޅުމަސް ދުވަހުގެ ތެރޭގައި 30 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި


  • މަސްތުވާތަކެތީގެ ވިޔަފާރި އެއްކޮށް ހުއްޓުވަން ރައީސް އިރުޝާދުދެއްވި

  • ޚާއްސަ ޓާސްކް ފޯހެއް ވަނީ އެކުލަވާލާފައި

  • ނެޓްވަރކް ހިންގާ މީހުންގެ ތަހުގީގު ދަނީ ބާރު ސްޕީޑުގައި

ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭހައި 30 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވަޒީރު ވިދާޅުވީ މުޖުތަމަޢުގައި ހިނގާ ގިނަ ކުށްތަކަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް ކަމަށެވެ. އެހެންވެ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ޚާއްޞަ ޓާސްކް ފޯހެއް ނަގައިގެން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ދަށުން ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭގައި 30 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 28 މިލިއަން ރުފިޔާގެ ޑްރަގާއި ދެ މިލިއަން ރުފިޔާގެ ބަނގުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާތަނަށް ހިފެހެއްޓި ގިނަ މަސްތުވާތަކެއްޗަކީ ރާއްޖެއަށް އެތެރެ ކުރަން އުޅުމުގެ ތެރޭގައި އަތުލައިގެންފައިވާ ތަކެތި ކަމަށާއި، އެކަން ހައްލު ކުރުމަށް ބޯޑަރު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޕޯސްޓް މެދުވެރިކޮށް ގެންނަ މަސްތުވާތަކެތި ހިފެހެއްޓުމަށް ކަސްޓަމަސްގެ މުވައްޒަފުން އިތުރަށް ހޭލުންތެރިކޮށް ކޮމިޝަނަރ އޮފް ކަސްޓަމަސްއާ ގުޅިގެން މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ބޭރުގެ އިންޓެލިޖެންސް އެޖެންސީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގައި ޑްރަގް ވިއްކައި، ޑްރަގް ނެޓްވަރކް ހިންގާ ފަރާތްތަކާ ދޭތެރޭ ހިނަގާ ތަހުގީގުވެސް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސްގެ ސީދާ އިންސްޓްރަކްޝަނަކީ ރާއްޖޭގައި ހަކުރާއި ޑްރަގްސް، މި ވިޔަފާރި އެއްކޮށް ނައްތާލުން. ރާއްޖޭގައި ޑްރަގްސް، މަސްތުވާތަކެތި އެއްކޮށް ހައްލުކުރުން، ރައީސްގެ މި އިންސްޓްރަކްޝަނާއެކު އަޅުގަނޑުމެން ހުރިހާ މުއައްސަސާތަކެއް އެއްވާނަކަށް މި މަސައްކަތް ކުރަނީ،" ދާޚިލީ ސަލާމަތާބެހޭ ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން، އެއަށް އޮތް ޑިމާންޑު ދަށް ކުރުމަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރު ހަވާލުވިއިރު ނޭޝަނަލް ޑްރަގް އެޖެންސީން ފަރުވާ ހޯދުމަށް 700 އަށްވުރެ ގިނަ މީހުން އެދިފައިވާއިރު މިހާތަނަށް 300 މީހުން ފަރުވާގެ ތެރެއަށް ގެނެސްފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ. އެ މީހުންނަށް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަރުވާ ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް އެހެން ކުށްތައް މަދު ކުރެވޭނީ މަސްތުވާތަކެތި ލިބުން މަދުކޮށް އޭގެ ޑިމާންޑް ވެސް ދަށްކޮށްގެންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.