ޚަބަރު

މޫސުމީ މައްސަލަތަކުން އަރައިގަތުމަށް ރާއްޖެއަށް އެއްބާރުލުން ދިނުން މުހިއްމު: ޠާރިޤު


  • ބައިނަލްއަޤްވާމީ ޤައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަން ފާހަގަކުރެއްވި

  • މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ

  • ކާރިސާތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކުރުމަކީ އަމާޒެއްކަން ފާހަގަކުރެއްވި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާ އެއްބާރުލުން މުހިއްމުކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި އިނގިރޭސިވިލާތުގެ އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ގުޅިގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒަރވްޑް އޭރިއާސް ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މޫސުމީ މައްސަލަތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު، މިއީ ދިވެހިރާއްޖޭގެ ދެމިއޮތުމާ ގުޅިިފައިވާކަމެއްކަމަށެވެ. އެހެންކަމުން ބައިނަލްއަޤްވާމީ އެހީތެރިކަމާ އެއްބާރުލުން އިންތިހާއަށް މި ކުޑަ ދިވެހިރާއްޖެއަށް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވަޒީރު ވިދާޅުވީ މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ވުޒާރާތަކުގެ ވިލުންވެރިކަން އިތުރުކޮށް، ދިމާވާ ކާރިސާތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް-28ގައި ދެއްވި ތަޤްރީރުގައި ފާހަގަކުރައްވާފައިވާކަމަށެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކާ އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެގޮތުން، ބ. އަތޮޅު ބައޮސްފިއަރ ރިސަރވް، އައްޑޫ ބައޮސްފިއަރ ރިސަރވް، އައްޑޫ ނޭޗަރ ޕާކް، ފުވައްމުލައް ނޭޗަރ ޕާކް، ފުވައްމުލައް ބައޮސްފިއަރ ރިސަރވް އަދި ސައުތް އަރި މެރިން ޕާކް ބެލެހެއްޓުމުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ބުރަ މަސައްކަތާ ހިތްވަރު ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް އެ ޓީމުތަކުން އެ ތަންތަން ޙިމާޔާތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އަޒުމުގައި މަސައްކަތްކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މި ފޯރަމްގައި ކުރެވުނު މަޝްވަރާތައް ފުރިހަމައަށް ތަޙުލީލުކޮށް، އޭގެ ނަތީޖާ ޤައުމީ ސްޓްރެޓެޖީތަކުގެ ތެރޭގައި ހިމަނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ފޯރަމް މެދުވެރިކޮށް އާލާކުރެވޭ ގުޅުންތައް ދެމިއޮންނާނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރޮން ރޯސްލާ ވަނީ މޫސުމީ މައްސަލަތަކުގައި ދެމެހެއްޓެނިވި އުސޫލުތަކާއި ނިޒާމުތައް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސަރުކާރާ، ޖަމިއްޔާ ޖަމިއްޔާތަކުން ގުޅިގެން މި މަސައްކަތުގައި އެއްބާރުލުން ދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ސަފީރުވަނީ އަލިއަޅުއްވާލައްވާފައެވެ.

މި މަހުގެ 15އިން 17އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިޔަށްދިޔަ މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒަރވްޑް އޭރިއާސް ފޯރަމް 2024 ގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރާ ފަރާތްތަކާ، ކަމާ ގުޅުންހުރި ރާއްޖެއާ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މި ފޯރަމްގެ ސަބަބުން ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ލިބުނުކަމަށް ފޯރަމްގެ ބައިވެރިން ފާހަގަކުރިއެވެ.